އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ނަޖިސްފެން ސާފުކުރާ ޕްލާންޓެއްގައި ހިނގި ޙާދިސާއެއްގައި 16 މީހުން މަރުވެ އިތުރު 6 މީހަކު ޒަޚަމް ވެއްޖެއެވެ. މި މީހުން މަރުވެފައި ވަނީ ކަރަންޓު ޖެހިގެން ކަމަށް ބެލެވޭ ކަމަށް އެޤައުމުގެ އޮފިޝަލުންނާއި ޙަވާލާދީ ރޮއިޓާސް އިން ވަނީ ބުނެފައެވެ.
ހިމާލިޔާ ސަރަޙައްދަށް ނިސްބަތްވާ ޗަމޯލީ ޑިސްޓްރިކްޓްގައި ހުންނަ މި، ނަޖިސްފެން ސާފުކުރާ ޕްލާންޓަކީ، އެސަރަޙައްދުގެ ސަރުކާރުން އެހީދީގެން ގަންގާކޯރުގެ ފެން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ފެންޕްލާންޓެކެވެ.
މަރުވި މީހުންގެ ތެރޭގައި ފުލުހަކާއި، އެސަރަޙައްދުގެ ސެކިއުރިޓީ ގާޑުންގެ 3 މީހަކު ހިމެނޭ ކަމަށާއި، ސެކިއުރިޓީ ގާޑުން މަރުވެފައި ވަނީ ފުލުސް މީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލުން މަޢުލޫމާތު ދެއްވައެވެ.
މި ޙާދިސާ ތަޙްޤީޤު މިހާރުވަނީ ފަށާފައި ކަމަށާއި، ކަރަންޓު ޖެހިގެން މިފަރާތްތަށް މަރުވި ކަމަށް ބެލެވުނަސް މިކަމާއި ބެހޭ އިތުރު ތަފްޞީލު ސާފުވާނީ ތަޙްޤީޤު ނިމުމުން ކަމަށް އެސަރަޙައްދުގެ ޑިސްޓްރިކްޓް މެނޭޖަރު ހިމާންޝޫ ކުރާނާ ވަނީ ވިދާޅުވެފައެވެ.