ދިވެހި ސިފައިން ތެދުވެރިވެ، ވަފާތެރިވާންވީ އިސްލާމް ދީނަށާއި، ދިވެހި ޤައުމަށްކަމާއި ސިފައިން ވަފާތެރިވާންވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް ނޫން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.
އޭނާ ވިދާޅުވީ ޤައުމީ ސަލާމަތީ ބާރުތަކުގެ ހަމައެކަނި ޒިންމާއަކީ ބޭރުން އަންނަ ހަމަލާތަކުން ޤައުމު ސަލާމަތްކުރުން ނޫންކަމަށާއި، ޤައުމަށް ދިމާވާ ކޮންމެ ބޮޑުކަމުން ޤައުމުގެ ރައްޔިތުން ސަލާމަތް ކުރުމަކީ ސަލާމަތީ ބާރުތަކުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށެވެ. އެހެންނަމަވެސް މިހާރު މި ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ދިވެހިވަންތަކަމުގެ ކަންފުޅެއް ވެސް ނެތް ބަޔަކު ވެރިކަމުގައި ތިބުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ދިފާޢީ ބާރުތަކުން ވަފާތެރިވާންވީ ސިޔާސީ ވެރިންނަށް ނުވަތަ އެމީހުންގެ މައްޗަށް އައްޔަށްކޮށްފައި ތިބި މިނިސްޓަރުންނަށް ނޫން ކަމަށެވެ. އަދި އެފަދައިން އަމަލުކުރާނަމަ ސިފައިން ވެސް ޤާނޫނާއި ޚިލާފުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
”މާރިޔާއަކަށް ނޫން ތެދުވެރިވާން ވީކީ، ޝަމާލަކަށް ނޫން ވަފާތެރިވާންވީ ކީއެއް، އިބްރާހިމް މުޙައްމަދު ޞޯލިހަކަށް ނޫން އިޚްލާސްތެރިވާންވީ ކީއެއް، ވަފާތެރިވާންވީ ދިވެހި ޤައުމަށް. ތެދުވެރިވާންވީ މާތް ވެގެންވާ އިސްލާމްދީނަށް، އެހެން ނޫނީ ތިޔަބޭފުޅުންނަށް ތިޔަ ތިއްބެވެނީ ޤާނޫނާއި ޚިލާފުވެފައި“އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޞައްހަކަން ސަލާމަތީ ބާރުތަކުން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.
އަދި އިންތިޚާބަށް މި އޮތް ދުވަސްތަކުގައި ރައީސް ޞާލިހު ހައްޔަރުކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.