ނޫސްވެރިންގެ ރައްކާތެކަން ކަށަވަރު ކުރުމަށާއި މުޒާހަރާތަކާއި އެއްވުންތަކުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރާ ގައިޑްލައިންތަކާއެކު ޤައުމީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
އިއްޔެ ހަވީރު އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ޖުމްހޫރީ މައިދާނުގައި އެއްވެ ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުންދިޔަ ވަގުތު އެ މަންޒަރުތައް ކަވަރުކުރަމުން ދިޔަ ނޫސްވެރިންނާއިމެދު އެ ތަނުގައި ހުރި އެސްއޯ ފުލުހަކު ޢަމަލުކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށެވެ. އެ ފުލުސް އޮފިސަރު ވަނީ ދެ ނޫސްވެރިން ކޮއްޕާ ވައްޓާލައިފަ އެވެ. އެ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯފެނި ގިނަ ބަޔަކު ދަނީ އެކަން ކުށްވެރިކޮށް ފުލުހުންނަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.
https://twitter.com/mjamaldives/status/1682079841108258817?s=20
މިކަމާއި ގުޅިގެން އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި އިދިކޮޅުން ބޭއްވި އެއްވުން ކަވަރުކުރި ނޫސްވެރިންނާ މެދު ފުލުހުން އަމަލުކުރި ގޮތް ހަރުކަށި އިބްރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވި ނޫސްވެރިންނަށާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ހުރަސް އެޅި އޮފިސަރުންނާ މެދު އަވަސް އަދި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޖަމިއްޔާއިން ގޮވާލި އެވެ.
އެމްޖޭއޭ އިން ބުނީ ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ޤައުމީ އޮނިގަނޑެއް އެކުލަވާލައި، މުޒާހަރާތަކާއި އެއްވުންތަކުގައި މީޑިއާ ކަވަރޭޖް ކުރިއަށް ގެންދަންޖެހޭ ގޮތުގެ ސާފު ގައިޑްލައިނެއް އެކުލަވާލުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.