ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، ސަރުކާރުުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތުން މުއަސަސާތަކަށް ނުފޫޒު ފޯރުވުމަކީ ކުރެވިދާނެ އަދި ކުރާ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވެއްޖެއެވެ.
މަހުފޫޒު މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް އެމަނިކުފާނުގެ ކެންޑިޑެސީ ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައިގެ ޝަރީއަތުގައި ރައީސް ޔާމީން އާއި އެމަނިކުފާނުގެ ވަކީލުން ފާހަގަކުރި ނުކުތާއަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީންގެ ވަކީލުން ފާހަގަކުރި ނުކުތާއަކީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، އަދި މިހާރު ކުށް ސާބިތުވެފައިވާ މައްސަލައަކީވެސް ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެ ފާހަގަކުރި ނުކުތާއެކެވެ.
އެ ކަމަށް އަލިއަޅުވާލައި ވާހަަކަ ދައްކަވަމުން އީސީގެ ގާނޫނީ ވަކީލު މަހްފޫޒް ވިދާޅުވީ، ސިޔާސީ ކަމެއްގައި މީހެއްގެ މައްޗަށް ޝަރީއަތެއް ހިންގާ އޭނާއަށް ކުރިމަތިނުލެވޭނެ ގޮތް ހަދާލުމުގެ ފުރުސަތު މިހާރު ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) މާނަ ކުރާ ގޮތަކުން އެބައޮތް ކަމަށް ވިދާޅުވާ ބުނުމަށް އެއްބަސްވެލައްވާ ކަމަށެވެ.
އެ މާއްދާގެ ޅ ގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ ކަމަށެވެ. ހަމަ އެއާ ވިދިގެން (ކ) ގައި ބުނެފައި ވަނީ (ޅ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެމީހަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށެވެ.
“އިއްޒަތްތެރި ފަނޑިޔާރު އަޅުގަނޑަކަށް ނޭނގެ އަޅުގަނޑު އެކަމަށް އެއްބަސްވާ ގޮތް ދަންނަވާނެ ގޮތެއް. އަޅުގަނޑު އެއްބަސްވަން އެކަމަށް. ކޮންމެ ސަރުކާރެއް އޮތްކަމުގައި ވީނަމަވެސް ސަރުކާރަކުން އެތުރިފައި އޮންނަ އިންތިޒާމްތަކުގެ ތެރެއިން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަކީ އެއީ ކުރެވިދާނެ ކަމެއް. ކުރާވެސް ކަމެއް. ކޮށްފައި ވެސް ހުރިކަމެއް. ރާއްޖޭގެ ތާރީޚަށް ބަލާއިރުވެސް.” މަހްފޫޒް ވިދާޅުވިއެވެ.
މީގެ އިތުރުން މަހުފޫޒު ވިދާޅުވީ، އެފަދައިން ކަންތައް ކުރާނެ ނުވަތަ ކޮށްފާނެ ކަމަށް ބެލެވުނު ނަމަވެސް ގާނޫނު އަސާސީ ހެދި މަޖިލީހުގެ ވިސްނުމާއި ޚިލާފަށް އަދި ގާނޫނު އާސާސީން ފެންނަން އޮތް ސާފު އިބާރާތާއި ޙިލާފަށް އެއަށް ހައްލެއް ދިނުމުގެ ބާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްއަށް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓްއަށް ޔާމީންގެ ފަރާތުން ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ، އިލެކްޝަންސް ކޮމިޝަންއިން އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމް ބަލައިނުގަތުމަށް ނިންމުމާއި ގުޅިގެންނެވެ. އީސީއިން އެ ފަދައިން ނިންމާފައިވަނީ، އެމަނިކުފާނުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، 12 މަސްދުވަހަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމްއެއް އޮތުމުންނެވެ. އަދި އެއީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ވާގޮތުން، ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތު އުނިވާ ހާލަތެކެވެ.