ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތްވެއްޖެނަމަ، އެ ޕާޓީން ކެންޑިޑޭޓްއަކު ނެރޭނެ ކަމަާއި، އޭރުން ޕީއެންސީ ވެގެންދާނީ ޕްލޭން ސީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ދީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، ޔާމީންގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން ފޯމް ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ މައްސަލައިގެ އަޑުއެހުންތައް ރޭ ވަނީ ނިންމާލައިފައެވެ.
ރައީސް ޔާމީންއަށް އިންގތިހާބުގައި ކުރިމަތިނުލެވޭ ގޮތަކަށް ހާލަތުތަން ދީފިނަމަ، ޕީޕީއެމްއިން އިތުރު ކެންޑިޑޭޓްއަކު ނެރުމަށް އެ ޕާޓީން ނިންމާފައި މިވަނީ، ޕީއެންސީގެ ރިޔާސީކެންޑިޑޭޓްއަކަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅާފައި ވަނިކޮށްކަން ފާހަގަކޮށްލަންޖެހެއެވެ. މުއިއްޒު އއަށް އެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ އެ ޕާޓީގެ ސެނެޓް މެންބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުގައި ރޭ ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ޕީޕީއެމްއިން ކެނޑިޑޭޓްއަކު ނެރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިވަޑައިގެންފައެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، އެފަދައިން ޕްލޭން ތަކެއްހަދާ ކުރިއަށް ގެންދަން ނިންމާފައިވަނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި އެއީ ރައްޔިތުން މަގުމަތި ނުވާނޭ ގޮތަކަށް ވިސްނުންތެރިކަމާއި އެކު ނިންމި ނިންމުމެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
“ޕްލޭން އޭ (ޔާމީން) ލިބުން އެއީ އަޅުގަނޑުމެންގެ ދިވެހި ހުރިހާ ރައްޔިތުންގެ ދުއާއަކީ. ރައީސް (ޔާމީން) ބޭނުންފުޅުވަނީ ޕްލޭން ބީ އޮންވޭތޯ. އެހެންވެ ބީ އަށް އެދިވަޑައިގެންފައި ވަނީ،” ޝިޔާމް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީންގެ އިސް ވަކީލް އަދި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޕީޕީއެމްގެ ފަރާތުން އެހެން ކެންޑިޑޭޓަކު ނުކުންނާނެ ކަމަށާއި ޕީއެންސީގެ ކެންޑިޑޭޓް ނެރުމަކީ “ވޯސްޓް ކޭސް ސިނާރިއޯ” ކަމަށެވެ.
“އެކަމުގައި މާ ބޮޑަށް ހާސް ވާނެ ކަމެއް ނެތް. ތިބޭފުޅުން ބިރު ގަންނާނެ ކަމެއް ނެތް. ރާއްޖޭގެ ރިޔާސީ ނިޒާމުގައި އަދި ރާއްޖޭގެ ސިޔާސީ ނިޒާމުގައި ޕީޕީއެމްއަކީ އެންމެ ބޮޑު ޕާޓީ. ޕީޕީއެމްގެ މައްސަލައެއް އަޅުގަނޑުމެން ކޯޓަށް މި ގެނައީ. އަޅުގަނޑުމެން ފުރަތަމަ އުންމީދު ކުރަނީ، ޔަގީންކަން އޮތީ އަޅުގަނޑުމެންގެ އިތުބާރަކީ މި ޓިކެޓު ސަލާމަތްވެގެން މި ކޯޓުން ނުކުންނާނެ،” ޖަމީލް ވިދާޅުވިއެވެ.