އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭނު ދަތުރުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ރޭ ބަޔަކު ހުޅުޖެހުން ކުށްވެރިކުރާކަމަށް އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، އިންތިހާބާއި ގުޅުވައި މީހުން ހައްޔަރުކޮށް ތަންތަން ރޯކޮށް މުދަލަށް ގެއްލުން ދީގެން ނުވާނެކަމަށެވެ.
“އިންތިހާބާއި ގުޅުވައި މީހުން ހައްޔަރުކޮށް އަދި ތަންތަން ރޯކޮށް މުދަލަށް ގެއްލުން ދީ ހަދައިގެން ނުވާނެ. މަޑަވެލި އެމްޑީޕީ ޖަގަހައިގަ ހުޅުޖެހުން ކުށްވެރިކުރަން،”
މަޑަވެލީގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާ ބޭއްވުމަށް، ސްކޫލު ކައިރީ މަގެއް ހިޔާކޮށް ހަދާފައިވާ ތަނުގައި ހުޅުޖެހީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.
މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަން ފަށާފައިވައިރު، މި ކަމާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ޙަސަން ވިދާޅުވީ ރޭ ފަތިހު ހިގައިދިޔަ ކަމަކީ ބަޔަކު ގަސްތުގައި ކޮއްފައި ވާ ކަމެއް ނަމަ އެއީ ވަރަށް ދެރަ ކަމެއް ކަމަށާއި އެހެން ކަމަށް ވާނަމަ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
އަދި މީގެ ކުރިން ދުވަހަކުވެސް އެ ރަށުގައި ސިޔާސީ ކަމެއްގައި ނުވަތަ އެހެން ކަމަކާ ގުޅިގެން އަލިފާން ރޯ ކޮށް ހަދާފައި ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.