ހިތްތަކުގައި އިސްލާމީ އަޤީދާ ވަރުގަދަކޮށް ހަރުދަނާކޮށް، އިސްލާމީ އުޞޫލުތައް ބިނާކުރަނީ މަދަރުސާއިން ކަމަަށާއި، ނަމަވެސް، އުންމަތެއް އުޖަލާވެ އަމާންވެގެންދާނީ، މަދަރުސާއާއި ބެލެނެވެރިން ގުޅި ލާމެހިގެން ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ތަޢުލީމާއި ތަރުބިއްޔަތުގެ މާތްކަމުގެ މައްޗަށް އިސްކަންދެއްވައި މިއަދު އިއްވި ޚުޠުބާގައި ބުނީ، ދަރިވަރުންގެ މުސްތަގުބަލް އަމާންވެ، ބާއްޖަވެރި މަގެއް އާރާސްތުކުރެވިގެންދާނީ، ބެލެނެވެރިންނާއި މަދަރުސާއި، ދެފަރާތުގެ ލަނޑުދަނޑިތަކާއި، އުންމީދުތައް އެކައްޗަށް ހަދައިގެން ކަމަށެވެ.
މިއަދުގެ ޚުޠުބާގައި އަހަރެމެންގެ މާތް ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ތައުލީމު ފެތުރުއްވުމަށް ހާއްސަ އަހަންމިއްޔާތުކަމެއް ދެއްވާފައިވާކަން ފާހަގަަކޮށްފއިވެއެވެ. އެގޮތުން ޚުދު އެކަލޭގެފާނު އަމިއްލަޔަށް އެކމަުގައި ބައިވެރިވެ ރަނގަޅު ތައުލީމެއް ދެވުމުގެ ނަތީޖާއަށް ވެގެން ދިޔައީ، ހޭލުންތެރި، އިލްމުވެރި، އުފެއްދުންތެރި އުންމަތެއް ބިނާކުރެވިގެން ދިޔުން ކަމަށެވެ.
މި ގައުމުގެ ލޮބުވެތި ދަރިވަރުންނަށް އިޝާރާތްކޮށް، މި ފެށުނު ދިރާސީ އާއަހަރުގައި، އިސްލާމްދީނާއި، ދުނިޔަވީ ގޮތުން އިތުރު ކުރިއެރުންތައް ލިބޭތޯ މަސައްކަތްކުރުމަށް އަޒުމް ކަނޑައެޅުމަށާއި، އަދި ދެ ދުނިޔޭގެ ޙަޔާތައް ފައިދާ ހުރި، ބޭނުންތެރި ހަރަކާތްތަކުން ހުސްވަގުތު ފުރިހަމަކުރުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ދަރިވަރުންނަށް ކާމިޔާބީއާއި ހިސާބަށް ދެވޭނީ، މަދަރުސާތަކުގައި، ކަނޑައަޅާފައިވާ ގަވާއިދުތަކަށް ބޯލަނބައި، މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހުތިރާމް ދެވިގެން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. ސަބަބަކީ މުދައްރިސުންނަކީ، ދުނިޔެއާއި އާޚިރަތުގެ ހެޔޮމަގަށް އަލިކޮށްދޭ ވޮށްތަކެއްކަމަށް ވާތީ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
އަދި ދަރިވަރުންނަށްޓަކައި، މައިންބަފައިންނާއި ދައުލަތުން ކުރަމުންދާ ހޭދަތަކާއި، ތަނަވަސް ކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފާ، އުނގެނޭ އިލްމުގެ ނޫރުން މާތް ﷲގެ ރުހިވޮޑިގަތުމާއި، މައިންބަފައިންގެ ހިތްހަމަޖެހުމާއި، ގައުމަށް ކުރިއެރުން ހޯދުމަށް މަސައްކަތްކުރުމަށް ޚުޠުބާގައި ބާރުއަޅުއްވާފައިވެއެވެ.
ދަރިވަރުން ދީނަށާއި ގައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް ހެދުމަށް އެދުރުންގެ ދައުރު ބޮޑުކަން ފާހަގަކޮށް، އެފަދަ ތަރުބިއްޔަތެއް ދަރިވަރުންނަށް ދެވޭނީ، ކެތްތެރިކަމާއި ހުކުމަތްތެރިކަމާއި އެކު މަސްއޫލިޔަތު އަދާކޮށްގެން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އެގޮތުން ދަރިވަރުން، މުދައްރިސުން ކިޔަވައިދެއްވާ ކުދިން ނަމޫނާއަކަށް ބަލާނީ، އެ މުދައްރިސުން ކަމަށާއި، އަދި ރަނގަޅު ކަމުގައި ދަރިވަރުންނަށް ފެންނާނީ، އެދުރުން ދަރިވަރުންނަށް ރަނގަޅު ކަމުގައި ދެއްކެވި ކަމެއްކަމަށާއި، އަދި ހުތުރު ކަމެއްގެ ގޮތުގައިވެސް ފެންނާނީ ހަމަ އެދުރުން ދެކެވަޑައިގަންނަވާ ކަމެއްކަމަށްވެސް މިއަދުގެ ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ވީމާ މުދައްރިސުން، އުނގަންނައިދޭ ދަރިވަރުންނަކީ ދީނާއި ގައުމަށް ލޯބިވާ ގައުމުގެ އިސްތިގްލާލު ދަމަހައްތަން ލޯބިކުރާ ބަޔަކަށް ހެދުމަށްވެސް ހުތުބާގައި ބާރުއަޅާފައިވެއެވެ.
މީގެ އިތުރުން، ދަރިވަރުންނަށް ތަޢުލީމާއި ތަރުބިއްޔަތު ދެއްވުމަށްޓަކައި، މައިންބަފައިން ކުރައްވާ ބުރަ މަސައްކަތަކީ ތަޢުރީފު ހައްގުވާ ކަމެއް ކަމަށާއި، ދަރިންނަނކީ މާތް ﷲ އަހަރެމެެންނާއި ހަވާލުކުރައްވާފައިވާ ބޮޑު އަމާނާތެއްކަމަށް ފާހަގަކޮށް، އެކުދިން ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.
އެގޮތުން ދަރިންނާއި އަދަބާއި އަޚުލާގު ދަސްކޮށް ދިނުމަކީ، ގައުމުގެ ބިންގާ ހަރުދަނާކުރުމަށް އެލޭ ވަރަށް ބޮޑު ބާރެއް ކަމަށާއި، އަހަރެމެންގެ ދީން ބާރުއަޅަނީ އެ އަމާޒަށް ވާސިލްވުމަށް ކަމަށްވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

 
 
			 
						 

 
 
					 
					 
					 
					