ދެހާސްސަތާރަ ވަނަ އަހަރު ފަހުކޮޅު އަވައްޓެރި ގައުމެއްގައި ޓެރަރިސްޓް ހަމަލާއެއް ދޭން ހަތަރު ދިވެއްސަކު ރާވައި ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރިކޮށްދިނުމާއި އެކު، އެ އަމަލު ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބުނާ މައްސަލައަކާ ގުޅިގެން މާލޭގައި އޮޕަރޭޝަނެއް ހިންގައި ތިން މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓައިފި އެވެ.
އެ އޮޕަރޭޝަނާ ބެހޭގޮތުން މިރޭ ނޫސްތަކަށް ފޮނުވި ކުރު ބަޔާނެއްގައި ފުލުހުން ބުނެފައިވަނީ، އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ އަވައްޓެރި ދެ ދައުލަތަކުން ފޯރުކޮށްދީފައިވާ ތަހުގީގީ މައުލޫމާތާއި ހެކީގެ އަލީގައި ކަމަށެވެ.
އެގޮތުން އެ ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި ތިން ތަނެއް މިއަދު ބަލާ ފާސް ކޮށްފައިވާކަމަށްވެސް ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮންކޮން ތަންތަނެއް ކަމެއް ނުވަތަ ހިފެހެއްޓި ޑިޖިޓަލް ޑިވައިސްތައް ހިފެހެއްޓީ ކޮން ބައެއްގެ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން، އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަަކަމަށާއި އެ އެމައްސަލައާއި ގުޅިގެން، އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމުތަކަށް ރާއްޖޭގެ ފަރާތުންވެސް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި މިއަދު މާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާއިރު މިމަހުގެ އެއްވަނަ ދުވަހު ޔޫއެސް ޑިޕާޓްމަންޓް އޮފް ޓްރެޝަރީޒް އޮފީސް އެންޑު ފޮރެއިން އެސެޓްސް (އޯފެކް) އިން ވަނީ 29 ދިވެއްސަކު ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅައި ދިވެހި 30 ކުންފުންޏަކަށް ފިޔަވަޅު އަޅަން ނިންމައިފަ އެވެ.
މީގެ އިތުރުން އެޕްރީލް، 2019 ވަނަ އަހަރުގައި ލަންކާގައި ދިން އީސްޓާ ހަމަލާ އަށް ދިވެހިންތަކެއް ފަންޑުކުރިކަމަށް ލަންކާގެ ނޫސްތަކުން ތުހުމަތުކޮށް ރިޕޯޓްކޮށްފައިވެއެވެ.