ދެމެހެއްޓެނިވި ގޮތެއްގައި، ތެލެސީމިޔާ ކުދިންނަށް، ހިލޭ ބޯންމެރޯ ހެދޭނޭ ގޮތް ހަމަޖައްސައިދޭން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާޞުގެ ކެމްޕެއިންއަށް، ހއ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުގެ ތެރެއިން، މިއަދު އުތީމްއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން، ރާއްޖެއަކީ ނިސްބަތުން ތެލެސީމިއާ ކުދިން ގިނަ ގައުމެއް ކަމަށާއި އެެހެންކަމުން، އެކުދިންގެ ފަރުވާވެސް ހަރުދަނާ އުސޫލެއްްގެ ދަށުން ހަމަޖައްސައި ސިއްހީ ނިޒާމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަމަށް އިސްކަންދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
“ތެލެސީމިއާ މައްސަލަ ހުންނަ ކުދިން ވަރަށް ގިނަ. އެއީ ސަރުކާރުގެ ނިޒާމުގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ޒަކާތު ފަންޑުގެ ތެރެއިން ބޯންމެރޯ ޓްރީޓްމަންޓުގެ މަސައްކަތް ކޮށްދެއްވި. އެހެން ނަމަވެސް، ވަރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި، ނިޒާމުގެ ތެރެއިން ކުރެވޭ ކަމަކަށް އެކަން ބަދަލުކުރަންޖެހޭ.” ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދޭނޭ ގޮތް ހަމަޖައްސާފައިވެއެވެ. ނަމަވެސް، ފަހުން އެކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައެއް ނުވެއެވެ.