މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަކީ ވަކި ރަށަކަށް ހާއްސަކޯށްފައިވާ ކަންތައްތަކެއް ނޫންކަމަށާއި، އެގޮތުން، މެނިފެސްޓޯ އެކުލަވާލީ ހުރިހާ ރަށަކަށް އިސްކަންދީގެން ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ކެމްޕެއިންއަށް މިލަދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
“ރައްޔިތުންގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކަކީ ވަކި ރަށަކަށް ހާއްސަކޮށްފައި ހުރި ކަމެއް ނޫން. އެކަންކަން މިރަށަށްވެސް އަދި ބޮޑެތި ރަށްތަކަށްވެސް ކޮށްދޭނަން.” މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން އެ ރާަށެއްގެ ބިން އޮތް ވަރަކުން ބިން ހިއްކައިގެން، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުކުރުމުގެ ވަސީލަތްތަކާއި، ކަނބަލުން ބާރުވެރިކޮށް ފުދުންތެރިކުރުމަށްޓަކައި، ކުރި ހުރި ކަންތައްތަކަކީވެސް މިލަދޫގައިވެސް އަދި ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައި ކުރައްވާނެ ކަންތައްތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި، ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ގެދޮރުގެ މައްސަލަތައް އެބަހުރި ކަމަށާއި ރަށްރަށުގައި ބިން ހިއްކެން އޮތްވަރު ބަލާލުމަށްފަހު ބިންހިއްކައިގެން އެމައްސަލަ ހައްލު ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން މިލަދޫގައިވެސް ބިންހިއްކައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށާއި، އޭގެއިތުރުން އިޤްތިސާދި ގޮތުން އެކިކަހަލަ ފުރުސަތުތައް ހޯދައިދީ ރައްޔިތުންނަށް އޭގެ ނަފާ ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒުގެ މެނިފެންޓޯއަކީ 19 ޗެޕްޓަރއެއްގެ މައްޗަށް އެކުލަވާލާފައިވާ މެނިފެސްޓޯއެކެވެ. އެ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދީފައިވާ 3 ބަޔަކަީ، އަންހެނުންނާއި، ޒުވާނުންގެ އިތުރުން މަސްވެރިކަމެވެ.