ދަނޑުވެރިކަން ކުރުމަށް ބޭނުންވާ މުހިންމު ގިނަ މައުލޫމާތެއް އެއް ތަނަކުން ލިބޭނެ “ދަނޑުވެރިޔާ” ވެބްސައިޓް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އިފްތިތާހްކޮށްދެއްވައިފިއެވެ.
މި ވެބްސައިޓް އިފްތިތާހްކުރެއްވުމަށް ށ. ގޮއިދޫގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ވިދާޅުވީ، މި ވެބް އެޕްލިކޭޝަނުން ދަނޑުވެރިކަމާއި ބެހޭ ގިނަ މައުލޫމާތުތަކެއް ފެންނަން ހުންނާނެކަމަށާއި، އޭގެތެރޭގައި އެކި ވަތްތަރުގެ ގޮވާމުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީއާއި އަދި ދަނޑަށް ޖެހޭ ބަލިތަކާއި އެކަންކަން ހައްލުކުރާނެ ގޮތްފަދަ މައުލޫމާތު ލިބެން ހުންނާނެކަމަށެެވެ.
ނަމަވެސް އަދި މި ވެބްސައިޓް އެއްކޮށް ފުރިހަމަ ނުވާކަން ފާހަގަކޮށް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެބްސައިޓް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އެއަށް ހާއްސަ މޯބައިލް އެޕްއެއް ފަރުވާ ކުރަން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.
މިވެބްސައިޓްގެ މައިގަނޑު މަޤްސަދަކީ ދަނޑުވެރިކަމާއި ބެހޭ އެކިއެކި މައުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުން ކަމަށާއި، އެގޮތުން ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެތަކެތި ހައްދާނެ ގޮތާއި، ހައްދާނެ މޫސުމާއި، ބޭސް އަޅަންވީ ގޮތް އެނގިގެންދާނެކަމަށްވެސް މިނިސްތަރ ވިދާޅުވިއެވެ.
އަދި، ވެބްސައިޓް ޑިޒައިން ކުރުމުގައި އިސްކަން ދީފައިވާނީ ދަނޑުވެރިޔާއާއި މިނިސްޓްރީއަށް ފަސޭހައިން ވާހަކަދެކެވޭ ގޮތައް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ދަނޑުވެރިޔާގެ އެއްވެސް ސުވާލެއް އޮތްނަމަ މިނިސްޓްރީގެ މާހިރުންނާއި ވާހަކަދެކެވޭނެ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.
މިވެބްސައިޓަކީ އދ.ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާ އެފްއޭއޯއާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިުކަލްޗަރ ގުޅިގެން އިފްތިތާހްކުރި ވެބްސައިޓެކެވެ.