ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝާހު، މާހިރު މަގާމުން އިސްތިއުފާ ދެއްވައި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފިއެވެ.
ޝާހުއަކީ ގާސިމް އިބްރާޙިމްގެ ޕާޓީ ކަމަށްވާ ޖުމްހުރީ ޕާޓީގެ މެންބަރެކެވެ.
މަގާމުން އިސްތިއުފާ ދެއްވައި ޝާހު ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، އޭނާ އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކަމަށާއި އެހެން ނަމަވެސް އެ ޕާޓީގެ ސިޔާސީ ވިސްނުމާއި ހިޔާލު ތަފާތުވެފައިވާ ކަމަށެވެ.
އަދި، ސިއްހީ ދާއިރާއަށް ހިދުމަތް ކުރުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ކަމަަށްޓަކަައި ޝުކުރުވެރިވާ ކަމަށްވެސް އެ ސީޓީގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އޭނާގެ ސިޔާސީ ފިކުރާ އެއްގޮތަށް ރާއްޖޭގެ ސިއްހީ ދާއިރާއަށް ހިދުމަތް ކުރެވޭނީ އެހެން ސިޔާސީ މަގާމެއް އިހުތިޔާރުކޮށްގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝާހު ވިދާޅުވިއެވެ.
އޭނާ ޑިމޮކްރެޓްސްއާއި ގުޅުނު އިރު، ޝާހުވަނީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭންތަކުގައި ވެސް ބައިވެރިވެލައްވައިފައެވެ. އަދި ގާސިމްއަށް އޭނާ ވަރަށް ބޮޑަށް ތައުރީފްވެސް ކުރައްވާފައި ވެއެވެ.
ޝާހު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި އިރު ވެރިކަން ކުރާ އެމްޑީޕީގެ ސްލޮޓުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް އެ ޕާޓީ ދޫކުރައްވައި ވަނީ ޑިމޮކްރެޓްސް އަދި ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ.