ސެޕްޓެމްބަރ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ބެހޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ގާއިމްކޮށްފައިވާ ކޮމްޕްލެއިން ބިއުރޯއަށް މިހާތަނަށް 26 މައްސަލަ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބްއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހަބީބް ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅު ކައުންސިލްތަކުގައިވެސް ވަނީ ކޮމްޕްލެއިން ބިއުރޯތައް ގާއިމްކޮށްފައެވެ.
މީގެ އިތުރުން، ހަބީބް ވިދާޅުވީ އިންތިހާބާއި ބެހޭ ގޮތުން އައިސްފައިވާ 26 ޝަކުވާގެ ތެރެއިން، މިހާރު 17 މައްސަލަ ބަލައި ޖަވާބުދާރީ ވެފައިވާ ކަމަށާއި، އަދި ނުވަ މައްސަލަ މިހާރު ދަނީ ބަލަމުން ކަމަށެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ ޕާޓީ ތަކުން، 5 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރައްވާ، ތިން ކެންޑިޑޭޓުންނެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހުން ހިމެނޭއިރު، އޭގެ ތެރެއިން، 27،000 މީހުންނަކީ މި އިންތިހާބުގައި އަލަށް ވޯޓު ލުމުގެ ހައްގު ލިބުނު ފަރާތްތަކެވެ.
އީސީން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ އިންތިހާބަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، 574 ވޯޓު ފޮށި ބަހައްޓައެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާވެސް އިންތިހާބެވެ.