(އެޑްވަޓޯރިއަލް) – ހުވަދޫއަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހިސާބުތަކަށް ބަލާއިރު، ނިސްބަތުގެ ގޮތުން، ފަޅުތަކާއި ގިރިތަކާއި ގިނަ، އަދި ގުދުރަތީ ގޮތުން ބެލިޔަސް “ރިސޯސަސްތައް” އެންމެ ގިނަ އެއް ސަރަހައްދެވެ. ރާއްޖޭގެ އާބާދީއަށް ބަލާލާއިރުވެސް، ހުވަދޫ ހިމެނެނީ ނިސްބަތުން ރާއްޖޭގައި މީހުން ގިނަ ހިސާބަކަަށެވެ.
މި ދެންނެވި ސަބަބުތަކާއި ހުރެ، ހުވަދު އަތޮޅު ވެފައިވަނީ، ރާއްޖޭގައި މުހިންމު ބަޔަކަށެވެ. އެގޮތުން މަސްވެރިކަމާއި ޓުއަރިޒަމް އާއި، އަދި އަތްތެރި މަސައްކަތްތަކުންވެސް ހުވަދޫގައި ނަން ކިޔާލެވޭ ވަރުގެ ފަރާތްތައް ދިރިއުޅެމުން އަންނަކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
މި ހުރިހާ ވާހަކަތަކާއި އެކު، ދައްކަން މިއުޅޭ ވާހަކައަކީ، ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އިލްޔާސް ލަބީބް ހުވަދޫއަށް ހާއްސަކޮށްގެން، މެނިފެސްޓޯގައި ހިމަނާފައިވާ ވެށިފެހި ހުވަދޫ ޕްލޭންގެ ވާހަކައެވެ.
އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނާއި ޚިލާފަށް އިލްޔާސްގެ މެނިފެސްޓޯގައިވަނީ، އަބުރުވެރި ހަޔާތަކާއި އެކު ފަރުދީ މިނިވަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާފައެވެ. އަދި ހުވަދޫގެ ވެށިފެހި ޕްލޭންގައިވަނީ ހުވަދުގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ހަމަހަަމަ އުސޫލުތަކާއި އެކު ކަންތައްތައް ކުރިއަށް ގެންދިޔުމަށް ރާވާފައެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، ބޯހިޔާވަހިކަމުގެ ދަށުން، ތިނަދޫ، ވިލިގިލި އަދި ގައްދޫ ހިމެނޭހެން، ފަޅު ގެވަޅުތަކާއި، ތޮއްޖެހިފައިވާ ގެތައް ދެނެގަނެ، އެތަންތަން، 15 ބުރީގެ ޒަމާނީ ކެންޑޮމިނިއަމް އިމާރާތްކުރުމަށް ނިންމާފައިވާ ނިންމުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ، އެކަމަށް އިތުރު ހައްލެއް ގެނައުމަށް ބޭނުންވެ، އެކަން ނުކުރެވި ތިބި ފަރާތްތަކަށް ލިބިގެންދާ ނުހަނު އުފާވެރި ޚަބަރަކަށް ވެގެންދާނެކަން ގައިމެވެ.
އެ ގޮތުން އެ އިމާރާތްތަކުގައި، ޑޭކެއާ ސެންޓަރުތަކާއި، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ މަރުކަޒުތަކާއި، އާންމު ވިޔަފާރިތަކަށް ހާއްސަކޮށްގެންނާއި އެކު، ވެހިކަލް ޕާކިންތައް ހިމެނިގެންދާނެ ކަމަށާއި މި ގޮތުން، ފުރަތަަމަ ތަރައްގީ ކުރެވޭނީ ކޮންމެ ރަށަކަށް 1000 ކޮންޑޯ ޔުނިޓް ކަމަށް އެ ޕްލޭންގައި ހިމަނާފައިވެއެވެ.
ޑިމޮޮކްރެޓްސް ގެ ކެންޑިޑޭޓް އިލްޔާސްގެ ވެށިފަހި ހުވަދޫގެ ވެށިފަހި ޕްލޭންގެ ތެރެއިން ދެން އެންމެ އިސްކަމެއް ދީފައިވާ އެއް ކަމަކީ، “ރަށު ޓުއަރިޒަމް” އެވެ. އެގޮތުން، ފަތު އަޑު ކިޔާފައި ކުރިއަރުމުން އަންނަ ހުވަދޫގެ ޓުއަރިޒަމް ސިނާއަތުން، އާންމު ފަރުދުންނަށް މަންފާ ގެނެސްދިނުމަށް އަތޮޅުގެ އެކި ރަށްރަށުގައި ގެސްޓްހައުސް ފިޔަފާރި ފުޅާ ކުރުމާއިއެކު، އަމިއްލަ ގޭގައި ގޭގައި ގެސްޓްހައުސްގެ ވިޔަފާރި ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ގެރެންޓީ ދިނުމާއިއެކު، ފައިނޭންސް ހަމަޖައްސައި ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ވެސް ޓުއަރިޒަމްގެ ސިނާ އަތުން، ރައްޔިތުންނަށް ފައިދާވާނެ އެކި ގޮތްތަކަށް އެކަން ބައްޓަންކުރައްވާނެ ކަމަށް އިލްޔާސްވަނީ ވިދާޅުވެފައެވެ. އެގޮތުން ހުވަދޫގައި އިންޓަރގްރޭޓެޑް ޓުއަރިޒަމް ކުރިއަށް ގެންދަވައި، މަޑަވެލިން ފެށިގެން ފިޔޯރީއާއި ހަމައަށް އޮތް އެއް ފަރެއްގައި ވާ ފަޅުރަށްތަކާއި، ސޭންޑް ބޭންކްތަކާއި ޑައިވް ޕޮއިންޓްތައް އިސްތިސާދަށް ހުޅުވާލައި، އެތަންތަނުގައި ގުދުރަތީ ރީތިކަން ނުގެއްލޭނެ ހެން، ރައްޔިތުންނަށް މަންފާ ގެނެސްދެއްވާނެ ކަމަށް މެނިފެސްޓޯގައި ވަނީ ފާހަގަކޮށްފައެވެ.
އަދި މިހުރިހާ ކަމަކަށް މަގުފަހި ކުރުވައި އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ގޮތުން، ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް، އިންޓަނޭޝަނަލް އެއާޕޯޓްއެއްގެ ގޮތުގައި ކަނޑައަޅައި، އެ އެއާޕޯތްގައި، އަމިއްލަ ފަރާތްތަކަށް ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ބިން ކަނޑައެޅުމަށްވެސް އެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. އަދި މީގެ އިތުރަށް ސިޓީ ހޮޓާ ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައި ރައްޔިތޔުންނަށް ލުއިފަސޭހަ ކަން ގެނެސްދިނުމަށް ޑިމޮކްރެޓްސްގެ ކެންޑިޑޭޑޭޓް އިލްޔާސް ލަބީބްވަނީ ވައުދުވެ ވަޑައިގެންފައެވެ.
އިލްޔާސް ހުވަދޫ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގދ. ތިނަދޫއަށް ވަޑައިގެން، ހުވަދޫ މީޑއާއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި، އެބޭފުޅާގެ މެނިފެސްޓޯގައި އެންމެ ހާއްސަ އިސްކަމެއް ދެއްވާފައިވާ އެއް ސަރަހައްދަކީ ހުވަދޫ އަތޮޅު ކަމަށާއި ހުވަދޫ އަކީ، އިސްތިސާދީ މައި އެއް ހަބުގެ ގޮތުގައި ކަނޑައަޅައި ޒުވާނުންނަށް ހާއްސަކޮށްގެން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.