ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޕާކިން ޖޫރިމަނާތަކުގެ ތެރެއިން މިހާތަނަށް ދައުލަތަށް ނުލިބިވާ ހުރިހާ ފައިސާއެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މާފުކުރައްވާފައިވާކަމަށެވެ.
އިތުރައް މިއުވާން ވިދާޅުވީ އެގޮތަށް ރައީސް ނިންމެވީ މާލޭގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަނެތި، ސްޓިކާ ޖަހަމުން ދިޔުމުގެ ސަބަބުން ޖޫރިމަނާ އިތުރުވާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ ކަމަށެވެ.
ޕާކިން ސްޓިކާގެ އިތުރުން ޓްރެފިކްގެ އެހެން ގަވައިދުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށް ސަރުކާރުން ލުއި ގޮތްތަކެއް ހަމަޖައްސާފައިވެ އެވެ. އޭގައި، ޖޫރިމަނާގެ ބާވަތަށް ބަލައި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރުމުން އެ ޖޫރިމަނާތަކަށް މައާފް ދިނުން ހިމެނެ އެވެ.
މިއުވާން ވިދާޅުވި ގޮތުގައި ލައިސެންސް އޮތް މީހަކު ސައިކަލު ދުއްވިއިރު އަތުގައި ލައިސެންސް ނެތި ދުއްވުމާއި ލައިސެންސް ގެއްލިފައިވަނިކޮށް ނުވަތަ މުއްދަތު ހަމަވެފައި ވަނިކޮށް ނުވަތަ ހަލާކުވެފައި ވަނިކޮށް ދުއްވައިގެން ޖޫރިމަނާކޮށްފައިވާނަމަ އެ ޓްރެއިނިންގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން އެ އުޅަނދެއް ދުއްވުމުގެ ލައިސެންސް ނެތި ދުއްވައިގެން ޖޫރިމަނާކޮށްފިނަމަ، އެ މައާފްވާނީ ޓްރެއިނިން ހަދައިގެން ކަމަށެވެ.
އެ ޓްރެއިނިން ހިންގަން ހަމަޖައްސާފައިވަނީ ފުލުހުންގެ އިދާރާއިންނެވެ. ދެ ހަފުތާ އާއި އެއް މަސް ދުވަހަށް ވުރެ ދިގު ނުވާނެ ގޮތަށް ޓްރެއިނިން ހިންގުމުގެ ބޭނުމަކީ، މިއުވާން ވިދާޅުވި ގޮތުގައި، ޓްރެފިކް ގަަވައިދާ ހިލާފުވާ މީހުން އެފަދަ ކަންކަން ތަކުރާރުކުރާ މިންވަރު މަދުކުރުމެވެ.