ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށް ރައިސް އިބްރާހިމް މުހައްމަދު ޞާލިހް، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާ މިއަދު ބައްދަލު ކުރެއްވުމަށް ނިންމަވައިފިއެވެ.
ޖޭޕީގެ ލީޑާޝިޕްގެ އިސް ބޭފުޅަކު މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަދު ރައީސް ޞާލިހް އަދި ޤާސިމް އިބްރާހިމް ސަން އައިލެންޑްގައި ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީން އަމަލުކުރާނެގޮތެއް މިއަދު ނިންމާގޮތަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް، މިހާރު ވަނީ އެ ކައުންސިލް ބައްދަލުވުންވެސް ފަސްކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މިއަދު މެންދުރުފަހު 1:00 ގައި ސަން އައިލެންޑަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 5،460 ވޯޓު ހޯއްދެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިހާތަނަށް ކޯލިޝަނާ ގުޅޭ ގޮތުން ގޮތެއް ނުނިންމަވަ އެވެ.
އެކަމަކު އޭނާ ވަނީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ ރޭ ސަން އައިލެންޑްގައި ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް އާއި ގާސިމް މިއަދު ބައްދަލުކުރައްވާއިރު، ޖުމްހޫރީ ޕާޓީ އަކީ ކޯލިޝަންގެ މި ސަރުކާރު ގެނައުމަށް އަދި މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. ނަމަވެސް، ކެމްޕެއިން ތެރޭގައި ގާސިމް ވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މި އިންތިހާބުގައި ޖޭޕީއަށް ތިން ވަނައަށް އެންމެ ގިނަ ވޯޓު ނުލިބުނަސް 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދީ ޖުމްހޫރީ ޕާޓީން ތާއިދުކުރި ކެންޑިޑޭޓުންނެވެ.
އެންމެފަހުން 2018 ވަަނަ އަހަރު ބޭއްވި އިންތިހާބުގައި ރައީސްގެ ރަނިންމޭޓެއްގެ ގޮތުގައި ނެރުނީ ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމެވެ.
ޖުމްހޫރީ ޕާޓީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ “ދަ ޑިމޮކްރެޓްސް” ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންއާ އެކު ވެސް ރައީސް ގެންދަވަނީ ކޯލިޝަންގެ މަޝްވަރާތައް ކުރަމުންނެވެ. ރައީސް ވިދާޅުވީ ކޯލިޝަން ހެދުމަށް މަޝްވަރާކުރުމަށް ހުރިހާ ފަރާތަކަށް ވެސް ވަނީ ހުޅުވާލާފައި ކަމަށާއި ގޮތް ނިންމާނީ ޕާޓީތަކުން ކަމަށެވެ.
ޥަރަށް މާޔޫސް ކޮށް ފެންނަނީ.