ޕީޕީއެމްއެކު އެއްބަސްވުމަކަށް ނާދެވުމުން މިހާރު ކުރިއަށް ދަނީ އެމްޑީޕީއާއެކު އެކަނި ކަމަށް ދަ ޑިމޮކްރެޓުން ބުނެފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓުސްއާއި އެކުގައި މަސައްކަތްކުރުމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށް ދަނީ ހަމައެކަނި އެމްޑީޕީ އާއިއެކަމަށާއި، ޕީޕީއެމް އާއިއެކު ކުރަމުންދިޔަ މަޝްވަރާތައް މިހާރު ހުއްޓިފައިވާކަމަށް، ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
ޑިމޮކްރެޓުން ހުށަހަޅަނީ 25 ސެޕްޓެމްބަރުގައި ނިޒާމީ ވޯޓެއް ނެގުމަށެވެ. ނަމަވެސް މިހާތަނަށް މިކަމާއިމެދު، އެމްޑީޕީއިންވެސް ވަކި ގޮތެއް ނިންމާފަ ނުވާކަމަށް މައުލޫމާތުލިބެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު، 50 އިންސައްތައަށްވުރެ މަތިން ހޯދާ އެއްވެސް ކެންޑިޑޭޓަކަށް، އިންތިޚާބު އެއްބުރުން ކާމިޔާބުކުރެވިފައި ނެތުމުން އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިފައެވެ. އެގޮތުން ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންކަމަށްވާ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމަށް ދެ ކެންޑިޑޭޓުންވެސް ގެންދަވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވި ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާއި މަޝްވަރާކޮށް ކޯލިޝަން ހެދުމަށް މަސައްކަތްކުރަމުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުން ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ދަ ޑިމޮކްރެޓްސްއިންނެވެ.
ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވީ އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ޢާއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދިޔަކަމަށެވެ. ނަމަވެސް ޕީޕީއެމާއެކު ކުރެވުނު މަޝްވަރާތަކުގައި އެއްވެސް އެއްބަސްވުމަކަށް އާދެވިފައިނުވާކަމަށާއި، އެހެންކަމުން އެއްވެސް އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިނުވާކަމަށް ޙަސަން ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ ހުށައެޅުމަކީ ނިޒާމީ ވޯޓެއް 25 ސެޕްޓެމްބަރުގައި ނެގުމަށް ކަމަށެވެ. އަދި މިކަމާއިމެދު، އެމްޑީޕީއިންވެސް އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ޙަސަން އިތުރަށް ވިދާޅުވީ، ނިޒާމީ ވޯޓެއް ނެގުމަށް އެއްބަސްނުވާނަމަ އެކުގައި މަސައްކަތްކުރުމަށް ދަތިވާނެކަމަށެވެ. އޭނާ ވަނީ ޕީޕީއެމާއެކު ކުރައްވާ މަޝްވަރާތަކުގައި އެޕާޓީން ސީރިއަސްކަމެއްގެ ގޮތުގައި ނުދެކޭކަން ހާމަވާކަމަށް ވިދާޅުވެފައެވެ.
“ޕީޕީއެމް އާއިއެކީގައި ކުރެވުނު މަޝްވަރާތަކުގައި، އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ޕީޕީއެމަށް ވަރަށް ދަތިކަމަށް، އަދި އެ ބޭފުޅުން ބޭނުންފުޅު ނުވާކަމަށް، އެއްވެސް ލިޔުމެއްގައި ސޮއި ކޮށްގެން އަޅުގަނޑުމެންނާއި އެކީގައި މަސައްކަތެއް ކުރުމަށް. އޭގެ މާނައަކީ އަޅުގަނޑުމެން ދެ ފަރާތުގެ މެދުގައި ދެކެވޭ ވާހަކަތަކުގައިވެސް، އަދި ނިންމާ ނިންމުންތަކުގައިވެސް، ދެ ފަރާތުގެ މެދުގައި ސޮއި ކޮށްގެއް މަސައްކަތެއް ކުރުމަކަށް ޕީޕީއެމްއަކުން އެއްބަހެއް ނުވޭ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ދަތި ޕީޕީއެމް އާއިއެކީގައި އެއްވެސް އެއްޗެއްގައި ސޮއެ ނުކޮށް ޑިމޮކްރެޓުންނަށް މަސައްކަތެއް ކުރަން.” ޙަސަން ލަޠީފް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްއިން ޤަބޫލުކުރާ ގޮތުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބާރު ޤާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވެއެވެ. އެހެން ނޫންނަމަ، ޤާނޫނަށް ބަދަލު ގެނެސްގެންވެސް އެ ކަން އެގޮތަށް ކުރުމުގެ ފުރުޞަތު އެމްޑީޕީއަށް އެބައޮތެވެ. ސަބަބަކީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިފައިވުމެވެ. އެހެންނަމަވެސް، އެމްޑީޕީން، ޑިމޮކްރެޓްސްގެ އެ ހުށަހެޅުމާއިމެދު ވަކިގޮތެއް އަދި ނިންމަވާފައި ނުވާކަމަށް ޙަސަން ލަޠީފް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމަށް ދެ ކެންޑިޑޭޓުންނަށްވެސް ދަ ޑިމޮކްރެޓްސްއާއ ގުޅުން މުހިންމެވެ. އެއީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަށް އިންތިޚާބުގެ 15ހާހަށްވުރެ ގިނަ ވޯޓާއެކު ތިންވަނަ ލިބުމެވެ. އެއީ އިންތިޚާބުގެ 7.18 އިންސައްތަ ވޯޓެވެ.
ޙަސަން ލަޠީފް, ރައީސް ސޯލިހް އަދި ރައީސް ނަޝީދު / ހުވަދޫ ފައިލް ފޮޓ