ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ-ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި 47،000 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ދެ ވަނަ ބުރުގެ ވޯޓަށް ރީ-ރަޖިސްޓްރީކުރަން ބޭނުންވާ މީހުންނަށް ކޮމިޝަނުން ހުޅުވާލީ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ހަވީރާ ހަމައަށެވެ. އެ މުއްދަތުގެ ތެރޭގައި 47،714 މީހުން ވަނީ ދެވަނަ ބުރުގައި އެހެން ތަނެއްގައި ވޯޓު ލާން ފޯމު ހުށަހަޅާފަ އެވެ.
މިއީ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓަކުރި މިންވަރަށް ވުރެ ގިނަ އަދަދެކެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު “އަދަދު”އަށް ވިދާޅުވީ، ލިބުނު ފޯމުތަކުގެ ތެރެއިން މިހާތަނަށް 19،000 އަށް ވުރެ ގިނަ ފޯމު ޕްރޮސެސްކޮށް ނިމިފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 42،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓަވުމަށް ހުށަހެޅި އެވެ.