ރިޕޯޓް
ތިނަދޫގެ ރަންއަޑަށް މިދުނިޔޭގެ އަލިކަން ފެނުމުގެ ނަސީބު ލިބުނުބާ؟

ތިޔަބުނާ ރޫޙީ އުފާތައް، ސިފަ މަށަށް ކޮށްދޭނުހޭ…
ނިޔަނެތިވި މަންމާ ނިކަންއަދު، ސިފަމަށަސް ކޮށްދޭނުހޭ…

އަދަބިއްޔާތު ގުލްޒާރުގައި ފޮޅުނު އެންމެ ރީތި މާތަކުގެ ތެރޭގައި ވައިލެޓްމާ ހިމެނިފައިވެއެވެ. ހަޤީޤީ ނަމުން ދަންނަވާނަމަ، އަލްފާޟިލާ އާމިނަތު ހުސައިންގެ ޝާއިރާނާ ޚިޔާލުތަކުގެ ލާމަސީލުކަމުން ފުރިގެންވާ ޅެން، ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން، ލަވައެއްގެ ސިފައިގައި ގެނެވި، ގިނަބައެއްގެ ހިތްތަށް އަސަރުން ފުރިގެން ދިޔައީ، ޅެމުގައި ބުނެވުނު ފަދައިން، ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ މީހެއްގެ އަޑުން ޅެމުގައި އެބުނާ އިޙްސާސް އަޑުއެހުންތެރިންގެ ކަންފަތަށް ގެނެވުމުންނެވެ.

އެއީ މުޅިރާއްޖެއަށް މަޝްހޫރު އަޑެކެވެ. އެއަޑު އެހި ކޮންމެ ފަރާތެއް، އެއަޑުގެ ޖާދޫގައި ޖެހޭފަދަ ރީތި އަޑެކެވެ. އެއްބަޔަކު މިއީ ތިނަދޫގެ ރަންއަޑުގެ ގޮތުގައި ސިފަކުރެއެވެ. އެއީ ތިނަދޫ އެފަރާތަކަށްޓަކައި ފަޚުރުވެރިވާ ފަރާތެކެވެ. ތިނަދޫގެ ރިތިކަމާއި ތިނަދޫގެ ސިފަތަށް ޅެމެއްގެ ސިފައިގައި ގެނެވުނު ތިނަދޫގެ މަޝްހޫރު ލަވަ، “ފެން މީރުވި ރީތި ރަށޭމީ، ރޫޙުވަނީ ތިނަދޫގައޭ” މިމަޝްހޫރު ލަވަވެސް ކިޔާފައިވާ ފަރާތެވެ.

ތިނަދޫއަށް އުފަން އަދި ތިނަދޫގެ ރަން އަޑުގެ ވެރިޔާ، މަރިޔަން ދީދީ ނުވަތަ ލޯފަން މަރިޔަން ދީދީ، ގިނަބަޔަކު ދަންނަ ފަރިތަ ނަމުން ނަމަ (މަރިޔަން ދައްތަ) އަކީ އުފަންވީއިރުވެސް، ލޯ އަނދިރި މީހެއްހެއްޔެވެ؟ ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން އެޅެމުގައި އެބުނާފަދައިން، ދުނިޔޭގެ އަލިކަން އެއްވެސް މިންވަރަކަށް ފެނުމުގެ ނަސީބު މަރިޔަން ދައްތައަށް ލިބުނު ބާވައެވެ؟ މިއީ ގިނަބަޔަކު ޖަވާބު ހޯދަން ބޭނުންވާނެ ސުވާލެކެވެ. ހުވަދޫ ނިއުސްގެ ފަރާތުން މަރިޔަން ދައްތަ އާއި ޚާއްސަ އިންޓަރވިއުއެއް ކޮށް، ގިނަ ފަރާތަކަށް ނޭގޭ މަރިޔަން ދައްތަގެ އަނދިރި ދުނިޔޭގެ ބައެއް މަޢުލޫމާތު މިލިޔުމުގައި ހިމަނާލަމެވެ.

މަރިޔަމްދީދީގެ ލޯ އަނދިރިވި ގޮތް

އެއީ އެންމެ 7 ދުވަހުގެ ކުއްޖެކެވެ. ލޯބިލޯބި އަންހެން ކުއްޖެކެވެ. މަންމަގެ އުނގުގައި އޮވެ ލޯމަރާލިގޮތަށް އެތުއްތު ދަރިފުޅު އޮތެވެ. ނަމަވެސް އެއީ ނިދިގެން މެރި ލޮލެއް ނޫންކަން މަންމައަށް އެނގުނެވެ. ހަރަކާތްތަކުންނެވެ. އެހެންކަމުން ކުޑައިރުކޮޅެއް ފަހުން މަންމަ ހާސްވާން ފެށިއެވެ. ލޯ ހުޅުވުމަށް މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް ލޯނުހުޅުވިއެވެ. އެއީ 1950ގެ އަހަރުތައް ކަމުން ސިއްޚީގޮތުން ނުވަތަ މިތުއްތު ކުއްޖާގެ ލޮލަށް ވީގޮތެއް ބެލެވޭނެ އެއްވެސް އިންތިޒާމެއް ނުވަތަ އެނގޭނެ ގޮތެއްވެސް ނުވިއެވެ. އަދި ހަމަ އެހެންމެ، ކުއްޖާ ލޯހުޅުވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް މައިންބަފައިން ކުރިއެވެ.

އެތުއްތު ދަރިފުޅު އެދުވަހު ލޯމަރާލިގޮތަށް ލޯހުޅުވީ 9 ދުވަސް ފަހުންނެވެ. ދަރިފުޅުގެ އުމުރުން އެއިރުވީ 15 ދުވަހެވެ. ބެލެވޭގޮތުގައި، އެތުއްތު ކުއްޖާގެ ލޮލަށް ކުރިމަތިވީކަމެއް ކުރިމަތިވީ މި 9 ދުވަސްތެރޭގައެވެ. އޭގެ ފަހުން ދަރިފުޅުގެ އަމަލުތައް ހުރިގޮތުން ލޮލުގެ ފެނުން ބަލިކަށިކަން އެނގުނެވެ. ބޮޑުވަމުން އައިވަރަކަށް އެކަން ޔަޤީންވަމުން ދިޔައެވެ. ވާހަކަ ދައްކައި ހަލަބޮލިވެއުޅޭ އުމުރަށް އެރުމުން އެނގުނީ ލޯވަރަށް އަނދިރިކަމެވެ.

މަރިޔަން ދައްތަ އަކީ އެތުއްތު ކުއްޖާއެވެ. ހުވަދޫ ނިއުސް ޓީމާ އެކު އޭނާގެ ހަޔާތުގެ ވާހަކަތައް ހިއްސާ ކުރަމުން އޭނާ ބުނީ ކުޑައިރުގެ ވާހަކަތަކާ ލޮލަށް ދިމާވި ގޮތުގެ ވާހަކަ ކިޔައިދިނީ މަންމަ ކަމަށެވެ. އެއިރު ކަންތައްވީގޮތް ކިޔައިދިނުމުން ވަރަށް އަސަރުކުރާ ކަމަށާއި މަންމަމެން އޭނާއާއި އެކު ވަގުތު ހޭދަކުރިގޮތް އިހްސާސް ކުރެވޭ ހިނދު ވަރަށް ދެރަވާކަމަށެވެ.

މަރިޔަން ދައްތަ ބުނީ ކުޑައިރު ލޮލަށް ފެންނަކަމަށެވެ. ނަމަވެސް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށާއި، ކަޅު ހިޔަނިހެން އެއްޗެއްސާ ތަންތަން ފެންނަކަމަށެވެ. އަދި ބައްތި އަލި ނޫނީ ބޮކިއަލި ފަނޑުކޮށް ފެންނައިރު އުޅޭއުޅުމުގައި ކުޑަ ފަސޭހަކަމެއް ހުންނަކަމަށެވެ.

މަރިޔަންދައްތަގެ ލޮލުގެ ފެނުން އިންތިހާޔަށް އަނދިރި ނަމަވެސް ކުޑައިރުވެސް އޭނާއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ. ރައްޓެހިންނާ އާއިލާ މީހުންގެ މަދަދާ އެހީތެރިކަމުގައި އޭނާގެ ފުރާވަރު އުމުރުވެސް ހޭދަކުރީ އެއުމުރުގެ އެހެން ކުދިން ފަދައިން ކުޅިވަރު ކުޅުމާ މަޖަލުގައެވެ. އެކަނިވެރިވާ ހިނދު ލޯފަންވުމުގެ އިޙްސާސް ކުރިކަމުގައި ވިޔަސް ގިނަވަގުތު ރައްޓެހި ކުދިންނާއެކު ހީސަމާސާކުރެއެވެ.

“ވަރަށް ގިނަ ކުޅިވަރު ކުޅޭނެ، މޫދަށްވެސް ދަން. އެހާރުގައި މަގުމަތީގައި ކުދިން ކުޅެއުޅެނީ އަޅުގަނޑުވެސް ވަރަށް ކުޅެހަދަން.” 1950 ވަނަ އަހަރު އުފަންވީ މަރިޔަން ދައްތަ ބުންޏެވެ.

1962 ގައި ތިނަދޫ މީހުން ރަށުން ބޭލި ޙާދިސާ ހިނގިއިރު މަރިޔަން ދައްތަ އަކީ އުމުރުން އެންމެ 10 އަހަރުގެ ކުއްޖެކެވެ. އެޙާދިސާއަށްފަހު އޭނާވެސް އުޅެމުންދިޔައީ އަތޮޅުގެ އެކިރަށްތަކުގައެވެ. އަދި 1966 ގައި ތިނަދޫގައި އަލުން އާބާދުވުމަށް ފުރުސަތު ލިބުނުއިރު އޭނާގެ އުމުރަކީ 14 އަހަރެވެ.

“ރަށުން ބޭލުމާ ރަށަށް އެނބުރި އައުމުގައިވެސް ތަފާތު އިޙްސާސްތައް ކުރަންޖެހުނު. ލޮލަށް ނުފެންނަ ކަމަށްވިޔަސް ރުއިމުގެ އަޑު އެހިން. ބަޑީގެ އަޑުއެހިން. ނަމަވެސް އެންމެންގެ އެހީގައި އުޅުނީ.” ރާއްޖެއަށް އުފެދުނު އެންމެ ރީތި އަދި އެންމެ ހިތްގައިމު އަޑުގެ ވެރިޔާ މަރިޔަމްދީދީ ބުންޏެވެ.

މަރިޔަން ދައްތަ ބުނީ ކުރިން ޒަމާނުގައި ރައްތަކުގެ މާހައުލުގެ އަޑުތައް ހުންނަގޮތުންނާއި އާބާދީ މަދުކަމުން އުޅެން ވަރަށް ފަސޭހަކަމަށެވެ. އަދި މަގުމަތީގައި އުޅޭ އުޅުމުގައިވެސް ޖެހިލުން ކުޑަކޮށް ދުވެފައިވެސް އުޅެވޭކަމަށެވެ.

“ކުރިން ތިނަދޫގައި ހުންނަނީ އެންމެ 3 ބައިސިކަލު. ދެން މަގުމަތި އެހާ އަމާން. އެއްވެސް ޖެހިލުމެއް ނެތި އުޅެވޭ. އެކަމަކު މިހާރު ވަރަށް ތަފާތު” ތިނަދޫގެ އެހާރާއި މިހާރު ސިފަކޮށްދެމުން މަރިޔަން ދައްތަ ކިޔައިދިނެވެ.

މަރިޔަން ދައްތައަކީ ކުޅެދޭ މީހުންފަދައިން އެންމެނާއެކު އުޅެން ވަރަށް ޝައުގުވެރިވާ މީހެކެވެ. އުމުރުން ދުވަސްވީވަރަކަށް އޭނާއާއި ގުޅޭ ދަންނަ މީހުން ދިޔައީ ގިނަވަމުންނެވެ. އެހެންކަމުން އެއެކުވެރިކަމާ އުފަލުގައި އިތުރު އަލިކަމެއް ލިބޭތޯ ދޭތެރެދޭތެރެއިން ރާއްޖެއިން ބޭރަށްވެސް ދެއެވެ. އެގޮތުން 1983 އާއި ޖެހެންދެން ބޭސްފަރުވާއަށް ބޭރަށް ދިޔައެވެ. ތަފާތު އެތަކެއް ޑޮކްޓަރުންނަށް ދެއްކިއެވެ.

“އެންމެފަހުން ލޮލަށް ބޭސްކުރުމުގެ ނިޔަތުގައި ބޭރަށް ދިޔައީ 1983 ގަ. ކުރީގެ ރައީސް މައުމޫނުގެ އެހީގަ. އެފަހަރު ކުރި އޮޕަރޭޝަނަށްފަހު ލޮލަށް ޝިފާއެއް ނުލިބޭނެކަން އެނގުނު. އަދި ކުރިން ފެނުނު ކުޑަކުޑަ އަލިކަންވެސް ނެތި ނާއުންމީދުވީ.” ވަރަށް އަސަރާއެކު މަރިޔަން ދައްތަ ކިޔައިދިނެވެ.

ލޯފަން މީހެއްގެ ގޮތުގައި އުޅެންޖެހިފައިވީ ނަމަވެސް އެންމެންގެ މަރިޔަން ދައްތަ އަކީ ދިވެހިންގެ ހިތްތައް އުޖާލާ ކުރަމުން ހިތްހަމަޖައްސަމުން އަންނަ އެންމެންގެ ހިތުގެ ލޯބި ލިބިފައިވާ މީހެކެވެ. މަރިޔަން ދައްތަ ގެ ރީތި އަޑުން ލަވައެއް މަދަހައެއް ވިރުވާ އަޅާނުލާ ހަފްލާއެއް ތިނަދޫގައި ވަރަށް މަދުވާނެއެވެ. އޭނާ އެމާހައުލެއްގައި ހުރެފި ކަމުގައިވާނަމަ “ފެންމީރުވި ރީތި ރަށޭމީ، ރޫޙުވަނީ ތިނަދޫގައޭ.” ލަވައިގެ އަޑު މަރިޔަންދައްތަގެ އަޑުން ގުގުމާލާނެއެވެ.

ރާއްޖޭގެ ގައުމީ ޓީވީން ގެނެސްދިން އެހަނދާނުގައި ޝޯވތަކުގެ ތެރޭގައިވެސް ހިމެނިފައިވާ ކުޅަދާނަ ލަވަކިއުންތެރިޔާ މަރިޔަންތަ ދިރިއުޅުމުގައި އެންމެބޮޑު އެހީތެރިކަމެއް ލިބެނީ ކޮންފަރާތެއްތޯ ކުރި ސުވާލަށް ވަރަށް ހިތްހަމަޖެހިލައިގެން ހުރެ ޖަވާބެއްދިނެވެ.

“ރައްޔިތުން. ކޮންމެ ރަށަކަށް ދިޔަޔަސް ކޮންމެ ތަނަކަށް ނުކުތަސް ކޮންމެވެސް މީހަކު އެހީވާނެ. މަގަކަށް ނުކުތަސް އެއްވެސް ބިރެއްނެތް.”

މަރިޔަން ދައްތަ މަގުމަތީގައި އެކަނި އުޅޭ އުޅުމުގައި ގެއަށް ދިޔުމާ ފެންގަނޑު ފަދަތަންތަން ފާހަނގަކުރަނީ ކިހިނެއްތޯ ސުވާލުކުރުމުން ބުނީ ” ހަމަ ހިތަށް އިޙްސާސްވަނީ. މީ ގޭ މަގުކަން. މީ ގޭ ދޮރާށިކަން. މީހަކު ކުރިމައްޗަށް އަރައިފިއްޔާވެސް ބައެއް ފަހަރު އިޙްސާސްވޭ.” މީހެއްގެ އަޑު އެއްފަހަރުވެސް ރަނގަޅަށް އިވިއްޖެއްޔާ އެހެންފަހަރަކު ގޮވާލިޔަސް ފާހަނގަ ކުރެވޭ މަރިޔަން ދައްތަ ބުންޏެވެ.

މަރިޔަންދީދީ އާއި ބެހޭގޮތުން މަޝްހޫރު ޝާއިރު ތިނަދޫ އަބްދުﷲ އަފީފް ވިދާޅުވީ، މަރިޔަމްދީދީ އަކީ ވަރަށް ހިތްއަލި މީހެއް ކަމަށާއި ކުޑައިރުވެސް ލަވައެއް އަޑުއިވިއްޖެ ނަމަ ދެތިން ފަހަރު އަޑުއަހާފަ ހަމަ އެގޮތަށް ކިޔާލާނެ ކަމަށެވެ.

“އަޅުގަނޑު ހެދި ވަރަށް ގިނަ ލަވަ ޓެސްޓަށް ކިޔާނީވެސް މަރިޔަމްދީދީ. އަނެއްހެން ބުނާނަމަ އެއީ ހަމަ ޓޭޕްރިކޯޑަރެއް.” އަބްދުﷲ އަފީފް ވިދާޅުވިއެވެ.

މިހާރު މަރިޔަން ދައްތަ ކޮބާ؟

މަރިޔަން ދައްތަ މިއަދުވެސް ދިރިއުޅެމުންގެންދަނީ ތިނަދޫގައެވެ. މިހާރު ދިރިއުޅެމުންދަނީ އަމިއްލަ ވަޒަނުގައެވެ. އަމިއްލަ ގޭގައި ދަރިފުޅާއެކުގައެވެ. އަބަދުވެސް އެންމެ ގާތުން ހުރިހާ އެހީތެރިކަން ދެމުން އަންނަ ހުރި ހަމައެކަނި ދަރިފުޅާއެކުއެވެ.

1969 ވަނަ އަހަރު އޭރުގެ ސަރުކާރުން ނުކުޅެދޭ މީހުންނަށް އެހީގެ ގޮތުގައި ދިން 20 ރުފިޔާއަށް ފަހު 30ރ، 100ރ، 150ރ، 300ރ، 500ރ އަށްފަހު ލިބެންފެށި 2000 ރުފިޔާއާއެކު 65 އަހަރު ފުރުމުން ސަރުކާރުން ދެއްވާ 5000 ރުފިޔާއާއެކު ޖުމްލަ 7000 ރުފިޔާ އާއެކު، މަރިޔަމްދީދީ މިހާރު އުޅެނީ ކުރިންވެސް އުޅުނު ފަދައިން ހަމަޖެހޭ ދިރިއުޅުމެކެވެ.

މަރިޔަންތަ އަދިވެސް ލަވަކިޔާނެތަ؟

މިސުވާލުގެ ޖަވާބުވެސް ދިނީ ވަރަށް ކުރުކޮށެވެ.

މަރިޔަންތަ ބުނީ މިހާރުދެން ތިސަކަރާތް ޖެހިއްޖެ ކަމަށާއި، ސްޓޭޖްތަކަށް އަރާ ލަވަކިއުމާ މިއުޒިކް ޝޯވްތަކުގައި ބައިވެރިވުން ދެން ކުރިއަށް ގެންދަން ބޭނުން ނޫވާކަމަށެވެ. އެހެން ނަމަވެސް މަދަހައެއް ކިޔާފާނެކަމަށެވެ.

މަރިޔަމްދީދީ ވަނީ ވަރަށް ގިނަ ރީތި ލަވަތަކެއް ކިޔާފައެވެ. ވަރަށް ގިނަ ލަވަތައް ރެކޯޑުވެސް ކޮށްފައެވެ. ޚާއްސަކޮށް ކުރިން މާލޭގައި ހިންގި ކާނިވާތަކާ މިއުޒިކް ބޭންޑުތަކާ ތިނަދޫގައި ދިން ޝޯވްތަކުގައެވެ. އޭގެ އިތުރުން އޭނާވަނީ ވަރަށް ގިނަ މަދަހަ ރެކޯޑުކޮށްފައެވެ.

ފަހު ބަހެއްގެ ގޮތުގައި މަރިޔަން ދައްތަ އެދުނު އެދުމަކީ ސަރުކާރުން ނުކުޅެދޭ މީހުންނަށް އުމްރާ ނުވަތަ ޙައްޖު ދަތުރެއް ދެއްވުން އެދި ކުރި ރިކުއެސްޓެވެ.

“ވަރަށް ބޭނުން ޙައްޖަށް ދާން. ސަރުކާރުން އެފަދަ ހެޔޮ ހަދިޔާއެއް ދެއްވަވައިފިނަމަ ވަރަށް އުފާވާނެ. އުންމީދަކީ ދުނިޔެއިން ނިމިދިޔުމުގެ ކުރިން ޙައްޖުގެ އަޅުކަން ކުރުން.” ހުވަދޫ ނޫހަށް ދިން ޚާއްސަ އިންޓަރވިއު ނިންމާލަމުން ބުންޏެވެ.

ކުޅަދާނަ ޝާއިރު އަބްދުﷲ އަފީފްގެ “ފެންމީރުވި ރީތިރަށޭމީ، ރޫހުވަނީ ތިނަދޫގައޭ” އަދި ފަތެވަރެ އަލްބަމްގެ “ހޭހެއި އެރޫ ދެނެކަން ދެނެކަން، ހުއްޓެ ލޯތްބާ ވަކިން އުފަލާ” ގެ އިތުރުން ގދ ތިނަދޫ ރަޝީދާ އިބްރާހިމް ގެ “ތަގެ ރީތިކަމާ، ތަގެ ލޯބި އެދެއި ފަދަ މަޝްހޫރު ލަވަތަކުގެ ޒަރީއާއިން ތިނަދޫގެ ރަން އަޑުގެ ވެރިޔާ މަރިޔަންދައްތަ ވަނީ މުޅިރާއްޖޭގެ ލޯތްބާއި އިޙްތިރާމް ހޯދާފައެވެ.

ހުވަދޫ ނިއުސްގެ އެދުމަކީ، ދީލަތި ފަރާތެއްގެ އެހީތެރިކަމާއެކު، މަރިޔަން ދައްތަގެ އުއްމީދު ކަމުގައިވާ، ހައްޖުގެ މާތް އަޅުކަން އަދާކުރެއްވުމުގެ ނަސީބު ލިބިގަތުމެވެ. އަދި ދުޢާ އަކީ މަރިޔަން ދައްތައަށް އުފާވެރި ކާމިޔާބު މުސްތަގުބަލެއް ލިބުމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޚިޔަލަ

  2. ޙުސައިން

    ވަރަށްވެސް ފުރިހަމަ ރިޕޯޓެއް!