ނޯޓު: މިލިޔުމަކީ ފޭސްބުކްގައި މުހައްމަދު މުޒައްފަރު ކިޔާ ބޭފުޅަކު ލިޔުއްވާފައިވާ ލިޔުމެކެވެ.
75 އަހަރަށްވުރެ ގިނަ ދުވަސްވީ އަނިޔާވެރިކަން ތަޙައްމަލުކުރަމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިންވެސް ޣައްޒާގެ ރައްޔިތުންގެ ގަދަ ހިތްވަރަކީ ދުނިޔެ ހައިރާންވެ ބަސް ހުއްޓިގެންދާފަދަ ކެތްތެރިކަމަކާއި ހިއްވަރެކެވެ.
އިޒްރޭލުގައި އިންތިޚާބެއް ގާތްވެއްޖެނަމަ ޣައްޒާއަށް ބޮންއަޅައި، ކުށެއްނެތް ޢާންމުންގެ އެތައް ބަޔަކު މެރުމަކީ އިންތިޚާބު ކާމިޔާބު ކުރުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްފަދައެވެ.
އިޒްރޭލުގެ އެތެރޭގައި ހަމަނުޖެހުމެއް ފެށިއްޖެނަމަ، އެކަމުގެ ސަމާލުކަން ގެއްލުވާލަން ކުރާ ކަމަކީ ޣައްޒާއަށް ބޮންއެޅުމެވެ. ސަރުކާރުގެ ތެރޭގައި ރެނދެއް ލައިފިނަމަ، އެ ރެނދު ބައްދަނީވެސް ޣައްޒާއަށް ބޮންއަޅައިގެންނެވެ. އެކުއެކީގައި މަސްޖިދުލް އަޤްޞާގެ ބަރަކާތްތެރި ބިމަށް ނަޖިސް ޔަހޫދީން ވައްދައި، އެތައް ހަމަނުޖެހުމެއް ހިންގައެވެ. އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނީންގެ ދިރިއުޅުން އެކީއެކަށް ރޫޅާލައި، ދިރިނޫޅެވޭވަރު ކުރުންވެސް އެއީ މީގެ ބައެކެވެ.
އެކަމަކު އެއީ އިއްޔެ ހެނދުނާ ހަމައަށެވެ.
އިއްޔެގެ ހެނދުނުގެ ބަރަކާތްތެރި ވަގުތުގައި، ފަލަސްޠީނު ގަޑިން ގާތްގަނޑަކަށް 6:30 ހާއިރު އެންމެ ފުރަތަމަ އިޒްރޭލުގެ އެކި ސަރަޙައްދުތަކަށް – ވެރިރަށް ތަލްއަބީބް ވެސް ހިމެނޭހެން – ރޮކެޓާއި މިސައިލުގެ ތޫފާނެއް ފޮނުވާލިއެވެ. އިޒްރޭލުގެ އެންމެ ކުޅަދާނަ ދިފާޢީ ނިޒާމު އަޔަން ޑޯމް އަށް ކެތްނުކުރެވޭވަރު ކޮށްލުމަށްޓަކައި އެއްފަހަރާ އެތައް ސަތޭކަ ރޮކެޓު ވަނީ ފޮނުވާލާފައެވެ. އެއާއެކު އަޔަން ޑޯމް ނިޒާމު “ވަރުބަލިވެ” ފެއިލްވާން ފެށިއެވެ.
ހަމަ އެވަގުތު، ކަނޑާއި އެއްގަމުން ހަތަރަކަށްވުރެ މަދުނޫން ސަރަޙައްދުތަކަކުން ހާހަކަށްވުރެ ގިނަ މުޖާހިދުން އިޒްރޭލުގެ އެތެރެއަށް ކުއްލިއަކަށް ވަދެގަތެވެ. އަދި ވަރަށް ގިނަ ޢަދަދެއްގެ އިޒްރޭލު ސިފައިން ހިމެނޭގޮތަށް 100 އަށްވުރެ ގިނަ މީހުން މަރާލައި ހާހަކާ ގާތްކުރާ ޢަދަދަކަށް މީހުން ޒަޚަމްކޮށްލާފައި ވެއެވެ. މީގެ އިތުރުން ގިނަ ޢަދަދެއްގެ ސިފައިން – ސީނިއަރ ރޭންކުތަކުގެ ސިފައިން ހިމެނޭގޮތަށް – އަތުލައިގަނެ، ޣައްޒާގެ ސިއްރު ތަންތަނުގައި ވަނީ ހައްޔަރުކޮށްފައެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރީގައި ހުރި، އިޒްރޭލުން ހިފާފައިވާ ބިންތަކުގެ އެތައް ސަރަޙައްދެއްގެ ކޮންޓްރޯލް މުޖާހިދުން ވަނީ ނަގާފައެވެ.
އެއަށްފަހު ދެން އައީ ޙަމާސްގެ ޢަސްކަރީ ގޮފި، ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސްގެ އިސް ކޮމާންޑަރު މުޙައްމަދު ޟައިފްގެ މެސެޖެކެވެ. ޒަޔަނިސްޓު ޣައިރުޤާނޫނީ ދަޢުލަތް އިޒްރޭލާ ދެކޮޅަށް އަލްއަޤްޞާގެ ޠޫފާނުގެ ނަމުގައި ޙަމާސްއިން ސަޕްރައިޒް ހަނގުރާމައެއް ފަށައިފިކަމަށާއި، މި ހަނގުރާމައިގައި ބައިވެރިވުމަށް ހުޅަނގުއައްސޭރިއާއި އެހެނިހެން ހިސާބުތަކުގައި ތިބި މުސްލިމުންނަށް ގޮވާލައްވާ ކަމުގައެވެ. އަދި އެހައިތަނަށް 5،000 އަށްވުރެ ގިނަ ރޮކެޓު ޙަމަލާ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް ފޮނުވާލާފައި ވާކަމަށެވެ.
މި ކުއްލި ސަޕްރައިޒް ޙަމަލާތައް ފެށުމާއެކު އިޒްރޭލާއި އެމެރިކާގެ އިތުރުން ޔޫރަޕުގެ ޤައުމުތައް ސިހިގެން ދިޔައެވެ. ސަބަބަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޖާސޫސީ ވިޔުގަތައް އޮޕަރޭޓުކުރަނީ އެ ޤައުމުތަކުން ކަމަށްވެފައި، މިވަރުގެ ބޮޑު އޮޕަރޭޝަނެއް ޙަމާސްއިން ވަރަށް ރޭވުންތެރިކަމާއި، ހުށިޔާރުކަމާއެކު ފެށިއިރުވެސް އޭގެ އެއްވެސް ހިލަމެއްގެ ޒައްރެއްވެސް މޮސާދު އަދި ޒަޔަނިސްޓުންނާ ގުޅިފައިވާ އެއްވެސް ގައުމެއްގެ ޖާސޫސީ ވިޔުގައަކަށް އެނގިފައި ނުވުމުންނެވެ. އެއާއެކު ދެން ފެނިގެން ދިޔައީ އިޒްރޭލުގެ އަސްކަރިއްޔާގެ ނިޒާމު ގެއްލި، ޕެނިކްވެފައިވާ ފަދައިން ޣައްޒާގެ އެތަންމިތަނަށް ވަރަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދޭން ފެށިތަނެވެ.
އެކަމަކު މިއީ ވަރަށް ގިނަ ދުވަހުގެ ތައްޔާރީއަށްފަހު ޙަމާސްއިން ފެށި ހަނގުރާމައަކަށްވާތީ، ޣައްޒާއަށް ބޮންއަޅައިގެން ޙަމާސްގެ ބާރު ކަނޑުވާލުމަކީ ގާތްގަނޑަކަށް މުސްތަޙީލު ކަމެއްކަން އިޒްރޭލަށްވެސް އެނގެއެވެ. ޙަމާސްގެ އޮޕަރޭޝަންތަކުގެ މަރުކަޒުތައް ހުރީ ބިމުގެ އަޑީގައެވެ. އެ މަރުކަޒުތައް ގުޅި ލާމެހިފައިވަނީ ވަރަށް ދުރަށް ދެމިފައިވާ ބިންގަރާސް މަގުތަކުންނެވެ.
މީގެ ކުރިން ޙަމަލާތައް ފަށާނެ އިރަކާއި ހުއްޓާނެ އިރެއް ކަނޑައަޅަމުން އައީ އިޒްރޭލުންނެވެ. ނަމަވެސް މިހާރު ޙާލަތު ބަދަލުވީއެވެ. ޙަމާސް މުޅިން ބަދަލުވީއެވެ. ކުރިއަރައި، ޒަމާނީ އަސްކަރިއްޔާއެއްގެ ގޮތުގައި ފާޅުވީއެވެ. މި ހުރިހައި ކަމެއް ހިނގީ ކަނޑާއި އެއްގަމާއި ވައިގެ މަގުން ޣައްޒާ ވަރަށް ވަރުގަދަ ޙިޞާރެއްގައި އޮންނަތާ އެތައް އެތައް އަހަރެއް ވެފައި އޮއްވައެވެ. ޙަމާސް ހިމޭނުން އޮންނަތާ އެތައް ދުވަހެކެވެ. އެއީ ޙަޤީޤަތުގައިވެސް ޠޫފާނުގެ ކުރިން އެ އޮންނަފަދަ ހިމޭންކަމެވެ. އެންމެ ފަހުން އަލްޤުދުސް ބްރިގޭޑްސްއާ ދެކޮޅަށް ކަމަށްބުނެ އިޒްރޭލުން ޣައްޒާއަށް ބޮންއެޅިއިރުވެސް އޮތީ ހިމޭނުންނެވެ. އެ ހިމޭންކަމުގެ މާނަ ޔަހޫދީންނަށް ނޭނގުނީއެވެ.
ޙަމަލާތަކުގައި ހައްޔަރުކުރި އިޒްރޭލު ސިފައިންގެ ޢަދަދަކީ އިޒްރޭލުގެ ޖަލުތަކުގައި ތިބި ހުރިހައި ފަލަސްޠީނީން މިނިވަން ކުރެވޭހާ ގިނަ ޢަދަދެއްކަމަށް ޙަމާސްގެ ލީޑަރުގެ ނައިބު ޞާލިޙް އަލްއަރޫރީ ވިދާޅުވިއެވެ.
ޙަމާސްގެ ކުއްލި ޙަމަލާތައް މި އައީ ވަރަށް އާދަޔާ ޚިލާފު ވަގުތެއްގައެވެ. ބްރިކްސްގެ ގައުމުތަކުން، ދުނިޔޭގައި އޮތް އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލުމަށްޓަކައި ވަރަށް ޙައްސާސް މަސައްކަތްތަކެއް ފަށާފައި ވަނިކޮށެވެ. ޗައިނާއިން އެމެރިކާގެ މައްޗަށް އިޤްތިޞާދީ، އަސްކަރީ އަދި ޖައްވީ ގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރަމުން ދަނިކޮށެވެ. ރަޝިޔާއިން ޔުކްރޭނަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ޚަރަދުކޮށް، ޔޫރަޕު އިޤްތިޞާދީ ކާރިސާއެއްގެ ތެރެއަށް ވަންނަމުން ދަނިކޮށެވެ. އީރާނާއި ސައޫދީ ސުލްޙަވެ، ޔަމަނު ހަނގުރާމަ މައިތިރިވިތަނާއެވެ.
ލިބުނު ލަދާއި، އެތެރެއާއި ބޭރުން އައި ފިއްތުންތަކާއެކު، ގޮތެއްފޮތެއް ނުބަލައި ދިން ވައިގެ ޙަމަލާތަކުގައި ޣައްޒާގެ ގާތްގަނޑަކަށް 200 މީހުން މިހާރު އެވަނީ ޝަހީދުކޮށްލައި އެތައް ސަތޭކަ ބަޔަކު ޒަޚަމްކޮށްލާފައެވެ.
ފެނިގެންދަނީ އެއް އިރެއްގައި ސާޅަނގައަކާއި އޮއްގައު ކޮޅެއް ހިފައިގެން ޓޭންކުތައް ކުރިމައްޗަށް އެރި މުޖާހިދުންގެ ތުއްތު ދަރިން ބޮޑެތިވެ، ޖިހާދުގެ ބަތަކާތްތެރި ދަންމަރުގައި ހިފުމުން އައި ބަދަލެވެ. ޒުވާން ލެޔާއި ޒުވާން ޖޯޝެވެ. ޖެހިލުންކުޑަކަމާއި ހަލުވިކަމެވެ. ސިއްރުވެރިކަމާއި ރޭވުންތެރިކަމެވެ.
ﷲގެ ރޭއްވެވުމުގެ ފުރިހަމަކަމާއެވެ.
ވަރަަށްވެސް ފުރިހަމަ ލިޔުމެއް..
ފަލަސްތީނުގެ މުޖާހިދުންނަށް ނަސްރާއި ކާމިޔާބު މިންވަރު ކޮށް ދެއްވާށި، އާމީން ޔާރައްބުލް އާލަމީން އާމީން.