ސިޔާސީ އެއްވެސް މީހަކު ޖުޑިޝަލް ސާވިސް ކޮމިޝަންގައި ހުރެގެން ނުވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީގެ މެމްބަރުކަމަކީ އެ މީހަކު އަންނަ މަގާމެއްގެ ސަބަބުން ލިބޭނެ އެއްޗަކަށްވެސް ވެގެން ނުވާނެކަމަށާއި އެތަނުގައި ތިއްބަވަންވާނީ ޖުޑިޝަލް ދާއިރާގެ މީހުންކަމަށެވެ. ޑރ މުއިއްޒު ވިދާޅުވީ، އެތަނުގައި ތިއްބަވަންޖެހޭނީ ރިޓަޔާރކުރައްވާފައިވާ ފަނޑީޔާރުން ފަދަ ބޭފުޅުންކަމަށެވެ.
ޑރ މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އެ ވިސްނުމާއި އެއްފަދަ ގޮތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރެއްވުމަށް އުންމީދުކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ މަގު ފަހިވެ ހަގީގީ މާނައިގައި ޖޭއެސްސީއަކީ ސިޔާސީ ނުފޫޒު ނުވަންނަ ތަނަކަށް ހެދުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށެވެ.
ޑރ މުއިއްޒު ވިދާޅުވީ، އެކަން ހާސިލުކުރައްވަން މިހާރު މަޖިލީހުގައި ހުށައެޅިފައިވާ ބިލަށް ބަދަލުތަކެއް ގެންނަންޖެހޭނަމަ އެކަންވެސް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ. އަދި ޕީއެންސީއަކީ މަޖިލީހުގައި މައިނޯރިޓީ ޕާޓީއެއް ނަމަވެސް އެހެނިހެން ޕާޓީތަކާއި އެމްޑީޕީއިންވެސް މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެންވެސް ޖޭއެސްސީ މިނިވަންކުރުމަށް މަސައްކަތްތައް ފައްޓަވަން ބޭނުންވެވަޑައިގަންނަވާކަމަށެވެ.
ޖޭއެސްސީއަށް ގެންނަވަން ޑރ.މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ހާމަކުރައްވާފައިވާއިރު، ޑރ މުއިއްޒު ވިދާޅުވީ، އެކަންކަން އެމަގުން ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ.


ކުރީ7އަހަރުވެރިކަމުގައިކޯޓިތަކުންސިޔާސީމީހުންހުސްނުކުރެވުނީކީއްވެއިހައްނުވިރައްކަލެއްފަހަކުންނުވާނެ
ދެންމިއަދުތިޔަހރންވިދާޅުވީމައިމިޅިޕާޓީވރސްލަދުގަންނަންޖެހޭ