އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ސައުދީ އަރަބިއްޔާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިންތިޤާލީ މަރުހަލާގައި މުޢިއްޒުގެ ސަރުކާރު އެކުލަވާލުމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ، ވެރިކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ ހަފްތާގެ ތެރޭގައި އެމަނިކުފާނު ސައުދީއަށް ވަޑައިގަންނަވާނެއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިކަމާ ގުޅޭ ގޮތުން ވިދާޅުވީ އިންތިގާލީ މި މަރުހަލާގައި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުމުންދާ ކަމަށާއި، އޭގެ ތެރޭގައި ދަތުރުތަކާ ގުޅޭ ގޮތުން ވެސް އަންނަނީ މަޝްވަރާ ކުރެވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ މީޑީއާއަށް ހާމަކުރެވޭ ވަރަށް، އިންތިހާބީ ރައީސްގެ ފުރަތަމަ ދަތުރާ ގުޅޭ ގޮތުން ކަންކަން އަދި ފައިނަލެއް ނުވާ ކަމަށެވެ.
އިންތިޚާބީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއާއި ސައުދީގެ ގުޅުން އިތުރަށް ހަރުދަނާ ވާނެ ކަމަށް ބެލެވެއެވެ. ޕީޕީއެމްގެ ކުރީ ސަރުކާރުގައި ވެސް، އެ ޤައުމުގެ އެހީގައި ރާއްޖޭގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގައިފައެވެ.