ފިނޭންސް މިނިސްޓްރީން ފާއިތުވި ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު، މާލިއްޔަތު ގާނޫނުން ލާޒިމްކުރާ ތަފްސީލުތައް ހިމެނުމަށްފަހު އަލުން ހުށަހެޅުމަށް މަޖިލިސް އިދާރާއިން ފިނޭންސް މިނިސްޓްރީއަށް އަންގައިފިއެވެ.
މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދު ކުރުމަށް ބޭނުންވާތީ، 6.5 ބިލއަން ރުފިޔާ ހިމަނައިގެން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޖް އިއްޔެގެ ޖަލްސާއަށް އެޖެންޑާވެސް ކުރިއެވެ. އެހެންނަމަވެސް އިއްޔެގެ ޖަލްސާ ބޭއްވިފައި ނުވަނީ ކޯރަމް ހަމަވާވަރަށް މެމްބަރުން ތަޅުމުގައި ހަމަ ނުވެގެންނެވެ.
އަދި މިއަދުގެ މަޖިލިސް ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓް އެޖެންޑާ ކޮށްފައެއް ނުވެއެވެ. ބަޖެޓް އެޖެންޑާއިން އުނިކުރުމުން އެމްޑީޕީން ނުރުހުން ފާޅުކޮށްފައިވެސް ވެއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ، އަލުން ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިވަނީ، މަޖިލިހަށް ފޮނުވި ބަޖެޓުގައި މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ނުވާތީ ކަމުގައެވެ. އަދި އެތަފްސީލު ފޮނުވާދޭން މީގެކުރިންވެސް މަޖިލިސް އިދާރާއިން ފިނޭންސްގައި އެދިފައިވާނޭކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.
އެހެންނަމަވެސް އެންމެ ފަހުން ފޮނުވި ސަޕްލިމަންޓްރީ ބަޖެޓުގައިވެސް އެ ތަފްސީލުތައް ނެތުމުން، މަޖލިސް ރައީސް ސޮއިކުރައްވާ، ތަފްސީލުތަކާއެކު އަލުން ހުށަހެޅުމަށް ފިނޭންސްގައި އެދިފައިވާކަމަށްވެސް މަޖިލިސް އިދާރާއިން ބުނެފައި ވެއެވެ.