ދޮން އަނބަކީ ހަމައެކަނި މޭވާއެއްގެ ގޮތުގައި ބޭނުންކުރާ ބާވަތެއް ނޫނެވެ. ބައެއް ފަހަރު މީރު ބަތްކޮޅެއް ނޫނީ ރޮށްޓާއެކުވެސް ކާލަން ރިހަ ތައްޔާރުކޮށްލަން ދޮންއަނބަކީ ހަމަ އެއްވަނައިގެ ބާވަތެކެވެ.
ބޭނުންވާ ތަކެތި
- 4 ދިވެހި ދޮން އަނބު
- 2 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި
- 1 މޭޒުމަތީ ސަމުސާ މުގުރި ދަވިއްގަނދު
- ½ މޭޒުމަތީ ސަމުސާ މުގުރި ދިރި
- ½ މޭޒުމަތީ ސަމުސާ ތެޅި މިރުސް
- ½ ގިތެޔޮ މިރުސް
- 1 ފިޔާ
- 2 ލޮނުމެދު
- ½ އިނޗީގެ އިނގުރު ކޮޅެއް
- 10 ހިކަނދިފަތް
- 6 އިންޗީގެ ރާނބާފަތް ކޮޅެއް
- 4 ކާފޫރުތޮޅި
- 3 އިންޗީގެ ފޮނިތޮށި ކޮޅެއް
- ½ ޖޯޑު ކާށިކިރު
- ½ ޖޯޑު ފެން
- ½ ޖޯޑު ތުނިކޮށް ކޮށާފައި ހުރި ހިކިމަސް
- 2 މޭޒުމަތީ ސަމުސާ ތެޔޮ
- ½ ސައިސަމުސާ ލޮނު
ތައްޔާރުކުރައްވާނެ ގޮތް:
ފިޔާ ތުނިކޮށް ކޮށައި ކާފޫރުތޮޅިތައް ކޮޅުން ކުޑަކޮށް ހުޅުވޭގޮތަށް ހަދާލާށެވެ.
އިނގުރާއި ލޮނުމެދުކޮޅު ރަނގަޅަށް ޗަސްކޮށްލާށެވެ. އަނބު ކޮށައިގެން ނުވަތަ އަނބު އޮތްގޮތަށް ވެސް ބޭނުން ކުރެއެވެ.
ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނުކުރުމަށްފަހު ތެއްޔަށް ފިޔާކޮޅާއި ކާފޫރުތޮޅިކޮޅާއި ފޮނިތޮށިކޮޅާއި ރާނބާފަތްކޮޅާއި ގިތެޔޮމިރުހާއި ހިކަނދިފަތްކޮޅު އަޅާލާށެވެ. ފިޔާކޮޅު ރަތްވާން ފަށްޓަންދެން ކައްކާލާށެވެ. ގިނި ބަހައްޓާނީ މެދު މިނެއްގައެވެ.
ޗަސްކުރި ލޮނުމެދާއި އިނގުރުކޮޅު ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލާފައި ތިރީހަކަށް ސިކުންތު ކައްކާލާށެވެ.
ދެން ކޮތަނބިރި، ދަވިއްގަނދު، ދިރި އަދި ތެޅިމިރުސްކޮޅު ތެއްޔަށް އަޅާލާ އެއްކޮށްލުމަށްފަހު ތިރީހަކަށް ސިކުންތު ކައްކާލާށެވެ. ދެން ދޮންއަނބުކޮޅާއި ކާށިކިރާއި ލޮނާއި ފެނާއި ހިކިމަސްކޮޅު ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު ތެލީގެ މަތިޖަހައި ގިނިމަޑުކޮށްލާށެވެ.
15 މިނެޓެއް ހާއިރު ކައްކަމުން، ރަހަ ހެޔޮވަރުކޮށްލާށެވެ.
މިއަދުގެ ސުފުރާ ގެ މިރިހައަކީ ވަރަށް ގިނައިން ދެކުނުގެ ރަށްރަށުގެ ބަދިގެ ތަކުން ތައްޔާރު ކުރެވޭ އަދި މެދުރާއްޖެތެރޭގެވެސް ބައެއް ރަށްރަށުގެ ގޭގޭގެ ސުފުރާމަތިން އަނބުމޫސުމުގައި ފެންނަ ރިހައެެކެވެ.