މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މަސައްކަތް ފަށައި ބައެއް ކައުންސިލް ތަކުން މިނިސްޓްރީއާއި ބައްދަލުކުރަން ފަށައިފިއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މީގެ ކުރިން ކައުންސިލްތައް ވިލަރެސް ކޮށް ބަލަހައްޓަމުން ގެންދިޔައީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ދަށުންނެވެ. އެހެންނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ ލޯކަލް ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އަދި ކައުންސިލްތަކާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކްގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދާ ގޮތަށެވެ.
ރާއްޖޭގައި މުޅިން އަލަށް އުފައްދާފައިވާ މިނިސްޓްރީއެއް ކަމުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށައިގަންނަން ދަތިތަކެއް ހުރި ކަމަށްވިޔަސް މިހާރު މިނިސްޓްރީގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މިނިސްޓާރ އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.
މިނިސްޓްރީގެ މެންޑޭޓް ކަނޑައެޅުމާއި، މަސައްކަތްތައް ރާވައި ހިންގުމަށް މިހާރު މަސައްކަތް ފެށިއްޖެ. އިރާދަކުރެއްވިއްޔާ ހެޔޮބަދަލު އަންނާނެ- މިނިސްޓަރ އާދަމް ޝަރީފް
މިހާރުވެސް ރާއްޖޭގެ އަތޮޅުތަކުގެ ކައުންސިލްތަކުން މިނިސްޓްރީ އާއި ބައްދަލުވެ، އެތަން ތަނުގެ ހާލާތު ދެނެގަނެވި، ޕްލޭންތައް ހެދުމުގެ މަސައްކަތާއި އަދި ކައުންސިލްތަކުން ރާވާފައިވާ ޕްލޭންތައް ވަނީ މިނިސްޓްރީ އާއި ހިއްސާކޮށްފައެވެ.