ހުޅުމާލެ ހިޔާ އަވަށުގައި އިމާރާތް ކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.
ރައީސް މުއިއްޒުގެ ކެމްޕެއިން ގައި ހިޔާ އަވަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ހިޔާ ޓަވަރުތަކަށް ފަސޭހަ އިން އަރާ ފޭބޭނެ ގޮތް ހެދުމަށް އިތުރު ލިފްޓްތައް ހަރުކުރުމެވެ. ރައީސް މުއިއްޒު ވަނީ ކޮންމެ ޓަވަރެއް ގައި އިތުރު ދެ ލިފްޓް ހަރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް ފޮނުއްވާފައިވާނެ ކަމަށް ފަހުން ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެެއް ކުރި ސުވާލަށް ޖަވާބުދެއްވަމުން ފަޒުލް ވިދާޅުވީ ލިފްޓު ހަރުކުރުމުގެ މަސައްކަތް ފައްޓާފައިވާ ކަމަށެވެ.
“ލިފްޓްގެ ކަންތައްތަކުގައި މިހާރު އަޅުގަނޑުމެން އެ މަސައްކަތް ފަށައިފިން އިނގޭތޯ،”
ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ނުދެެއްވައެވެ.
ހިޔާ އަވަށުގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ބައި ލައްކައެއްހާ މީހުން ދިރިއުޅެއެވެ. ބައެއް ޓަވަރުތަކުގައި މިހާރު ހުރީ ތިން ލިފްޓެވެ. ބައެއް ޓަވަރުތަކުގައި ހަތަރު ލިފްޓެވެ. މީހުން ގިނަވެ އަރާ ފޭބުމުގައި ދަތިވުމުގެ ޝަކުވާ ބޮޑެވެ.

