މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފާތިމަތު ތައުފީގު އައްޔަނުކުރައްވައިފިއެވެ.
އެމްއެމްޕީއާރްސީން ވަނީ އެކަން އިއުލާނުކޮށް އެ ކުންފުނީގެ އައު އެމްޑީއަށް މަރުހަބާ ކިޔައިފައެވެ.
ފާތިމަތު ތައުފީގަކީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެޑްމިން އެންޑް ޕްރޮކިއުމަންޓް މެނޭޖަރު ކަމުގެ މަގާމާއި ލޮޖިސްޓިކްސް މެނޭޖަރުކަން ކުރައްވާފައިވާ ފަރާތެކެވެ.
އަދި ޖަލްބޫޓް މޯލްޑިވްސްގައި އެޗްއާރު އެންޑް އެޑްމިން މެނޭޖަރުކަން ކުރެއްވުމުގެ އިތުރުން އެލިއާ އިންވެސްޓްމެންޓްގެ އެޗްއާރް އެސިސްޓެންޓް ކަމުގެ މަގާމު ވެސް ފުރުއްވާފައިވެއެވެ. އަދި އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީގައި ވެސް އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.
ފާތިމަތު ޝަފީގު ވަނީ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލްކުރައްވާފައެވެ.
އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ މައި އިގްތިސާދީ ސިނާއަތް ކަމަށްވާ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތްތައް ކުރާ އިދާރާއެވެ.
އެމްއެމްޕީއާރުސީ އެއްކޮށް ރީބްރޭންޑް ކުރަން ނިންމާފައިވާ ކަމަށާއި އެކަން ކުރުމަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވެއްލައްވާ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މީގެ ކުރިން ވިދާޅުވެފަވެއެވެ.
ފަތުރުވެރިކަން ކުރިއަރުވަން ‘ވިޒިޓާ އިކޮނޮމިކް ކައުންސިލް’ގެ ނަމުގައި ކައުންސިލެއް އެކުލަވައިލި ނަމަވެސް، އެ ކައުންސިލާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރަމުންދާނީ މިހާރު ވެސް އެ މަސްއޫލިއްޔަތު އަދާކުރަމުންދާ އެމްއެމްޕީއާރުސީން ކަމަށް ސަރުކާރުން ބުންޏެވެ.