މަސްވެރިންނަށް ނުދެވި 224 މިލިއަން ރުފިޔާ އެބަހުރި ކަމަށާއި އެހެންނަމަވެސް އަންނަ ހަފްތާގައި އޭގެތެރެއިން ބައެއް ދޫކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީޒު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ އަތޮޅު ތެރޭގެ މަސްވެރިންގެ ހާލަތު ދެނެގަތުމަށް މިހާރު އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހުވަދޫ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދިނުމަށް މަސައްކަތްތައް ރާވަމުންދާ ކަމަށާއި، އުއްމީދަކީ ލަސްތަކެއްނުވެ މަސްވެރިންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ފެށުން ކަމަށެވެ.
އުއްމީދަކީ މަސްވެރިން ބާނާ މަހަށް، ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުން، އެކަމުގެ މަސައްކަތް މިހާރުވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ.
އިތުރަށް ވާހަކަފުޅުދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވަވާ މައްސަލައެއްކަމަށެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެސް މި މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދެވުމަށް ކަމަށެވެ.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގު ފަހިކޮށްދިނުމަށް މިހާރު ހުއްޓިފައި ހުރި އައިސއ ޕްލާންޓްތައް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފެނަކަ އާއި ވާހަކަ ދައްކަވަމުން އަންނަކަމަށެވެ. އަދި ފެނަކަ އިން މިކަމަށް ހާއްސަ ސަމާލުކަމެއްދީގެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ޝިޔާމް ފާހަގަ ކުރެއްވެވިއެވެ.