އިންޑިއާގެ ސިފައިން ފޮނުވައިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން އެ ޤައުމުގެ ބީޖޭޕީގެ އިސްވެރިއެއް ކަމަށްވާ ސުބްރަމާނިޔަމް ސްވާމީ ގޮވާލައިފިއެވެ.
ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކޮށް, ރައީސްކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުރުކުރަން ސިފައިން ފޮނުވަން އިންޑިއާއަށް ކެރޭނެތޯ ސުބްރަމާނިޔަމް ވަނީ ސުވާލު އުފައްދާފައެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ސުބްރަމާނިޔަމް ސްވާމީއަކީ މިހާރު ވެސް ސިޔާސީ ގޮތުން ނުފޫޒުގަދަ މެމްބަރެކެވެ. މީގެ ކުރިން އޭނާ ވަނީ ވަޒީރުކަން ވެސް ކުރައްވާފައެވެ.
އޭނާގެ އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުޢިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުން އެނބުރި ވަޑައިގެން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން މުހުލަތެއް ދެއްވާފައިވާ ކަމަށެވެ. އެއަށް އިންޑިއާ ސަރުކާރުން އަމަލު ކުރާނަންތޯ އޭނާ ވަނީ އައްސަވާފައެވެ.
”ޝުކުރުކުރަން ނޭނގޭ ދިވެހިރާއްޖެއާ މެދު މޯދީގެ ސަރުކާރުން ކުރާނީ ކޮންކަމެއް؟ ރަޖީވް ގާންދީ ގޮތަށް އިންޑިއާގެ ސިފައިންގެ ފައުޖެއް ރާއްޖެ ފޮނުވާ ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލާނީތަ؟“ ސުބްރަމާނިޔަމް ގެ ޓްވީޓްގައި ބުނެފައިވެއެވެ.
ރަޖީވް ގާންދީގެ ވެރިކަމުގައި އިންޑިއާގެ ސިފައިން ރާއްޖެ އައި ކަަމަށް ސުބްރަމާނިޔަމް އިޝާރާތް ކޮށްފައިއެވަނީ 3 ނޮވެމްބަރު 1988ގައި ރާއްޖެއަށް ތަމަޅައިން ދިން އުދުވާނާއި ގުޅިގެން ރާއްޖެއިން އެހީތެރިކަން އެދުމުން އެ ޤައުމުގެ ސިފައިން ރާއްޖެއަށް އައުމުންނެވެ.
ސުބްރަމާނިޔަމްވަނީ 2018 ވަނަ އަހަރުވެސް އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭކަމަށް ސޯޝަލް މީޑިއާގައި ގޮވާލާފައެވެ. އަދި އެކަމަށް އޭނާ މަޢާފަށް އެދިފައިނުވާއިރު އެކަން ދިފާޢުކުރެއްވިއެވެ. އެކަމާއިގުޅިގެން އޭރު އިންޑިއާ ސަރުކާރުން ބުނެފައިވަނީ އެއީ ރާއްޖެ ހިފާ ވާހަކަޔާ ގުޅިގެން އިންޑިއާގެ ހާރިޖިއްޔާއިން ބުނީ، އެއީ ވަކި ފަރުދެއްގެ ހިޔާލެއް ކަމަށާއި އިންޑިޔާ ސަރުކާރުން އެފަދަ ފިޔަވަޅެއް ނާޅާނެ ކަމަށާއި ރާއްޖެ ހިފުމަކީ އެ ގައުމުން ކުރާނެ ކަމެއް ނޫން ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވާފައިވަނީ ޗައިނާއަށެވެ. މީގެ ކުރިން ރާއްޖޭގެ ހުރިހާ ރައީސުން ވެސް ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާއަށެވެ.
އިންޑިއާއަށް ބަރޯސާވުން ކުޑަކުރަން މި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތުކުރީން ކާޑުގެ ބާވަތްތައް ގެނައުމާއި, ބޭސްފަރުވާއަށް ތައިލޭންޑާއި ޔޫއޭއިން ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި, ޔޫރަޕުން ބޭސް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ބަލި މީހުން އުފުލަން އިންޑިއާގެ އުޅަނދުގެ ބޭނުންނުކޮށް, ރާއްޖޭގެ އެއަރކްރާފްޓެއް ބޭނުން ކުރަން ފަށަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އަދި ރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތްތައް ފަށާ ސިފައިން ގެންދިއުމަށް 15 މާޗް އާއި ހަމަޔަށް އިންޑިއާ އަށް ވަނީ މުހުލަތެއްވެސް ދީފައެވެ.