އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެެޓްސް ގުޅިގެން މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އެ ދެ ޕާޓީ ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފެރެންސްއެއް ގައި އިންޑިއާ ކޮޅަށް ބުރަވެ ގިނަ ވާހަކަތަކެއް ވަނީ ދައްކަވާފައެވެ.
އެގޮތުން މިސަރުކާރުން އިންޑިއާ އާއި މާބޮޑަށް ޖައްސާލާފައިވާ ކަމާއި، ޗައިނާ އާއި ގުޅުން ބަދަހިކޮށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ނިންމި ނިންމުމަށް ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.
މިސަރުކާރުން ދާދި ފަހުން ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރަށްފަހު ވަނީ ގިނަ މަޝްރޫޢު ތަކެއް ޢިއުލާނުކުރައްވާފައެވެ. އަދި މާޒީގައި ދިވެހިން އިންޑިއާއަށް ބަރޯސާވެގެން ކުރަމުންއައި ގިނަ ކަންތައްތަކެއް ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ އެހީގައި ކުރެވޭނެ ގޮތަށް ސަރުކާރުން ވަނީ ހަމަ ޖައްސާފައެވެ.
އެތައް ޒަމާންތަކެއް ވަންދެން ދިވެހީން ބޭނުންކުރަމުންއައި ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ބާވަތްތައް ގެނައުމުގައި އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި ސަރުކާރުން ފައްޓަވާފައި ވާއިރު، ރައީސް މުޢިއްޒު ވިދާޅުވީ އަޅުގަނޑުމެންނަކީ ވަކި ޤައުމެއްގެ ބެކްޔާޑުގައި އޮތް ޤައުމެއް ނޫން ކަމަށާއި، މިދިޔަ ސަރުކާރުގަ ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް ވަކި ބައެއްގެ ހުއްދަ ހޯދައިގެން އިށީންނަމުން ދިޔަ މަންޒަރުކަމަށެވެ. އަދި އެގޮތް ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށާއި، އެއީ ދެ ޤައުމެއްގެ ދޭތެރޭގައި ގުޅުން ބާއްވަން ޖެހޭ އުސޫލެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި އަސާސްތަކުގެ މައްޗަށް ބިނާކޮށް ހުރިހާ ޤައުމުތަކާއެކުވެސް ދިވެހި ރާއްޖެއިން ގުޅުން ޤާއިމް ކުރާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މިއާއިއެކު ރައީސް އެދުވަހު ވިދާޅުވީ ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސްގެން ކަމަށާއި، ޤަައުމުގެ މިނިވަންކަމާއި އަމިއްލަވަންތަ ކަމާއިއެކު ދިވެހީންގެ ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ ޙަޤީޤީ މާނައިގައި ޤާއިމް މިކޮށްދެއްވާނެ ކަމަށެވެ.