ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމަށް ރީރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުސަތު މާދާމާ އަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ ދުވަހު އެ މީހަކު ވޯޓުލުމަށްޓަކައި ރަށްވެހިވެފައިވާ ރަށްނޫން ތަނެއްގައި ވޯޓުލުމަށް ރީރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުސަތު ހަމަވަނީ މާދާމާ ހަވީރު ހަތަރަކަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވޯޓްލާ ތަން ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގެ އެންމެ ފަހު ތާރީހަކީ ފެބުރުއަރީ 7 ވަނަދުވަހުގެ ހަވީރު 4:00 ކަމަށް އީސީން ބުނެއެވެ. ސުންގަޑި ހަމަވުމުގެ ކުރީން އަވަހަށް ރީރަޖިސްޓަރީ ކުރެއްވުމަށާއި، ރީރަޖިސްޓަރީ ކުރެއްވުމުގެ ކުރިން މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކްކޮށް ލެއްވުމަށް ވެސް އިސީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އީސީން ބުނީ އިތުރު މައުލޫމާތު ބޭނުން ނަމަ 1414 އިން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން މިހާތަނަށް 3769 މީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 3302 މީހުން ރީރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށްވެސް ހަބީބު ވަނީ ފާހަގަ ކުރައްވާފައެވެ.