ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވެރިކަމުގެ ފަހު ދުވަސްވަރު މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކުރީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުން ޓެރިފް ކުޑަކުރުމުގެ ފެހި ސިންގަލް ލިބިފައިވާ ކަމަށް ބުނެ ކަމަށާއި ނަމަވެސް މި ސަރުކާރުން ބެލި ބެލުމުން ފެހި ސިގްނަލް ދީފައިނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ޝިޔާމް މިރޭ ވިދާޅުވީ، ކުރީ ސަރުކާރުން 17 ރުފިޔާއަށް ހުރި މަސް ކިލޯ ކުއްލިއަކަށް 25 ރުފިޔާއަށް ބޮޑުކުރީ ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވައިލުމުގެ ގޮތުން ކަމަށެވެ.
“އަގަށް ބަދަލު ގެނައިއިރުގައި ވިދާޅުވީ، އީޔޫއިން ފެހި ސިގްނަލް ދޭ ވާހަކަ. އެކަމަކު އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ހަގީގަތުގައި އީޔޫގެ ޓެރިފް ކުޑަކުރުމަށް ދެކެވިފައި ހުރި ވާހަކަތައް ހުރީ އަދި ޓެރިފް ކުޑަކުރެވޭ ހިސާބަކު ނޫންކަން.” ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އިނގިރޭސިވިލާތާއެކުގައި ފްރީ ޓްރޭޑް އެގްރީމެންޓެއްގެ ވާހަކަ ކުރީ ސަރުކާރުން ދެއްކި ކަމަށާއި ނަމަވެސް އެކަމަށްވެސް ވަގުތު ނަގާނެ ކަމަށެވެ.
“ފްރީޓްރޭޑް އަހަރެއް ދެ އަހަރެއް ނަގާ ހިސާބުގައި ހުރީ” ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ ފްރީޓްރޭޑް އެގްރީމަންޓް ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދިޔަނަމަ ރާއްޖެއިން ބޭރުކުރާ މަހުގެ ބޮޑު ޕަސަންޓޭޖެއް މިއަދު ބޭރުކުރާނީ ޗައިނާއަށް ކަމަށެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ރާއްޖެއިން މަސް ބޭރުކުރަން އެކިއެކި މާކެޓްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.