އިނގިރޭސި ކްލަބު ލިވަޕޫލްގެ މިސްރު ފޯވަޑް މުހުއްމަދު ސަލާހަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ސަލާހު އަށް އަނިޔާވީ ދާދި ފަހުން ނިމުނު އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުގައި ކުޅެނިކޮށެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ގާނާއާ ދެކޮޅަށް މިސްރު ކުޅުނު މެޗުގައި ސަލާހުގެ ފަލަމަސްގަޑަށް އަނިޔާވެގެން އޭނާ ވަނީ ދަނޑުން ބާލައިފައެވެ.
އަނިޔާއިން ސަލާމަތްވެ ސަލާހު މިހާރު ލިވަޕޫލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާއިރު އޭނާ އެނބުރި އައުމަކީ ލިވަޕޫލްގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ. ޓީމާއެކު ފަރިތަކުރުންތަކުގައި ސަލާހު ބައިވެރިވި ނަމަވެސް އަންނަ ހޮނިހިރު ދުވަހު ލީގުގައި ބްރެންޓްފަޑްއާ ދެކޮޅަށް ކުޅޭ މެޗުގައި ސަލާހު އަށް އަދި ކުޅެވޭނެކަން ސާފެއްނުވެ އެވެ. ރިޕޯޓުތައް ބުނާގޮތުން އެ މެޗުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ސަލާހު ކުޅެން އެރުމުގެ ފުރުސަތު ބޮޑެވެ.
އަނިޔާގެ ކުރިން ސަލާހު އައީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް 14 ގޯލް ލީގުގައި ސަލާހު ޖަހާފައިވާއިރު އޭނާ އަންނަނީ ރަން ބޫޓަށްވެސް ވާދަކުރަމުންނެވެ. ލިވަޕޫލާއެކު ލީގާއި، ޗެމްޕިއަންސް ލީގު ވެސް ސަލާހު ކާމިޔާބުކޮށްފައިވާއިރު މިސީޒަން ނިމުމުން ސައުދީ ޕްރޯ ލީގަށް އޭނާ ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރައިފައެވެ. މިކަމާއި ބެހޭގޮތުން ލިވަޕޫލުން ރަސްމީ ސިފައެއްގައި އެއްވެސް ޖަވާބެއް އަދި ދީފައިނުވާއިރު އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ވަނީ ސީޒަން ނިމުމުން ލިވަޕޫލް ދޫކޮށްލަން ނިންމައިފައެވެ.

