ރަށްރަށުގައި އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދަށް ބަދަލު ގެނެސް، ކުރިއަށް އޮތް 10 ދުވަސްތެރޭ ގެޒެޓު ކުރެވޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި އޮންނަ ގޮތުން ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި ރަޖިސްޓްރީކުރާ އުޅަނދުގެ އުމުރުވެސް އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންޖެހޭނެއެވެ.
އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ޕްރޮގްރާމު އިފްތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓުގެ އަސާސީ މިންގަނޑުތަކާއި ގުޅިގެން، މި ޤަވާއިދު ތަންފީޒުކުރުމުގައި ސިޓީ އަދި ރަށު ކައުންސިލުތަކަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ގަވާއިދު މުރާޖާކޮށް، އަލުން ގެޒެޓު ކުރުމުގެ މަސައްކަތްތަކަށް ކުރިން 2 މަސް ދުވަސް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، ކުރިއަށް އޮތް 10 ދުވަސް ތެރޭ އެ މަސައްކަތް ނިމޭނެ ކަމަށް ބެލެވޭ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ގަވާއިދާއިއެކު، ވެހިކަލްތައް ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ވެހިކަލް ތޮއްޖެހުމުގެ މައްސަލަ އެންމެ ބޮޑީ ރާއްޖޭގެ ވެރިރަށް މާލެ ސިޓީގަ އެވެ. މާލެ ސިޓީ ކައުންސިލުން ބުނާ ގޮތުން މާލޭގައި ވެހިކަލް ލިމިޓްކުރުމުގެ މަސައްކަތަކީ ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި އޭގެ މަޝްވަރާތައް ކަމާއި ގުޅުންހުރި ފަރާތްތަކާއެކު ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް 6 މަސް ތެރޭގައި މާލޭގެ ވެހިކަލް ލިމިޓާއި، ބޭނުން ކުރެވޭނެ މުއްދަތު ކަނޑައަޅުއްވާނެ ކަމަށެވެ.