ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން އިސްރަށްވެހިންނަށް ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގައި ގާއިމު ކުރާ އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އިސްރަށްވެހިންނަށް ދޭން ޖެހޭ އިސްކަން މި ސަރުކާރު މެއިންސްޓްރީމް ކޮށްގެން ދޭން ފަށާފައިވާ ކަމަށެވެ.
“ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަޅާ ނުލެވި ސަރުކާރުގެ ރާޑާރަށް ނާރާ، ބަޖެޓުގެ ގޮތުން ބެލިޔަސް އެކި ކަހަލަ ރިސޯސެސްތައް ފޯރުކޮށްދިނުން ކަމުގައިވިޔަސް، އެކި ކަންކަމުގައި ހަވާސާ ކުރެވިފައިވާ ފަރާތްތައް މެއިންސްޓްރީމް ކޮށްގެން ރާޑަރު މެދަށް އަރުވައިގެން ގައުމު ހިންގުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުން،” ރައީސް ވިދާޅުވިއެވެ.
އިސްރަށްވެހިންނާއި، ހަވާސާ ކުރެވިފައިވާ ފަރާތްތަކަށް ސަމާލުކަން ދިނުމުގައި ބުރަ މަސައްކަތެއް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ މެންޑޭޓުގައިވެސް ހިމެނޭނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
“އޭގެ މަތީގައި އަޅުގަނޑުމެން ހަވާސާ ކުރެވިފައިވާ ހުރިހާ ފަރާތްތަކަށް އިސްކަން ދޭނަން، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހާއްސަ މަރުކަޒުތައް ހުރީ މާބޮޑު ސަމާލުކަމެއް ނުދެވި، ބަޖެޓުންވެސް ހަރަދު ކުރެވެނީ ވަރަށް ކުޑަ އެއްޗެއް، އެހެން ނަމަވެސް އެކަންވެސް ބަދަލު ކުރުމަށް ނިންމާ އެކަންވެސް ފަށައިފިން،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެބިނެޓްގެ މަޝްވަރާއާއެކު އެކި ދާއިރާތަކާއި ގުޅުން ހުރި ދަފްތަރުތައް އެކުލަވާ ލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
“އެކަން ވެގެން ދިޔައީމަ، ދެން އަޅުގަނޑުމެން އަޅާލަން ޖެހޭ ހުރިހާ ފަރާތްތައް، އެއީ އެކަނިވެރި މައިން ކަމުގައިވިޔަސް، ޑޮމެސްޓިކް އެބިއުސް އެކި ކަހަލަ ނިކަމެތިކަން ކުރިމަތި ވަމުންދާ ފަރާތްތައް ވިޔަސް، މި ދެންނެވި އެކި ކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ވިޔަސް، އަދި އަޅާލުމެއް ނެތި، މާބޮޑު ސަމާލުކަމެއް ނުދެވޭ އިސްރަށްވެހިންގެ މައުލޫމާތު ފުރިހަމައަށް އެއްކުރުމުގައި މަސައްކަތްތަކެއް މިހާރު ވަނީ ފެށިފައި،”. ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ގެދޮރުގެ މައްސަލައިގައިވެސް ގޮތްތަކެއް ނިންމާފައިވާ ކަމަށާއި، ގެދޮރު އެޅުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެކި ކަހަލަ ޝަރުތުތަކާއި، ކެޓެގަރީތައް ކަނޑައަޅާއިރު، ހަވާސާ ކުރެވިފައިވާ ފަރާތްތަކަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.
“އެހެންވީމަ ކުރިއަށް އޮތްތަނުގައި މިކަމަށް ހާއްސަ ބިލެއް މަޖިލީހަށް ފޮނުވޭނެ. ހައުސިންގް ކެޓެގަރީތަކުގެ ފަންތިތަކާއި ގިންތިތައް ކަނޑައެޅުމާއި ގުޅޭ ބިލެއް، މި ބިލް ފަރުމާ ކުރެވިގެން ދާއިރު، ހަވާސާ ކުރެވިފައިވާ ހުރިހާ ފަރާތްތަކަށް ދޭން ޖެހޭ ސަމާލުކަމެއް ދިނުން، އިސްރަށްވެހިންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ގޭތެރޭގައި ކަންތައް، މާލޭގައިވެސް ރާއްޖޭގައިވެސް ހުރި ގޮތުން، ދަތިތައް އެބަހުރި ގެދޮރުގެ މައްސަލައިގައި، އެ ދޭން ޖެހޭ އިސްކަމެއް ނުދެވޭ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ގާއިމުކުރާ ގެދޮރުގެ މަޝްރޫއުތަކުގައި އިސް ރަށްވެހިންނަށް ހާއްސަ ސަމާލުކަމެއް ދެވިގެން ކުރިއަށް އޮތް ތަނުގައި ފުރުސަތު ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށެވެ.