އަންނަ މާޗް 5 ގެ ކުރިން މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާސް ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ މަސްވެރިން ކޫއްޑޫގައި ކުރަމުންދާ މުޒާހަރާއާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝިޔާމް ވިދާޅުވީ ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުމެއް ކަމަށެވެ.
ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޙައްޤުހޯދަންކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މަރުޙަބާކިޔާނެ ކަމަށާޢި ކޫއްޑުގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޔެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް އަދި އެ މާހައުލު ޤާއިމުކޮށްދެއްވުމަށް އަޅުގަނޑުވެސް މިވަގުތު އިހުތިޖާޖުގައި ތިއްބެވި މަސްވެރިންގެ އަރިހުން އެދޭކަމަށޭވެ.
މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގައި ދަންނަވާ ކަމަށާއި، އަދި މަހުގެ އަގު ސަރުކާރުން މުރާޖާ ކުރި ދުވަހުން ފެށިގެން ކިރުނުމަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މިހަފްތާ އެފައިސާ މިފްކޯއިން ހަމަޖައްސާނެކަމުގައި ދަންނަވާ ކަމަށެވެ.
އަދި މަސްވެރިންގެ ކަންކަން ރައީސުލްޖުމްޙޫރިއްޔާ ގެންދަވަނީ ވަރަށްގާތުން ބައްލަވަމުން ކަމަށާއި ކޫއްޑޫގައި ތިއްބެވި މަސްވެރިންނާ ބައްދަލުކޮށްލަން ކޫއްޑޫއަށް ދިއުމަށްޓަކައި ދަތުރު ކުރާކަމަށެވެ. މަސްވެރިންގެ ހުރިކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާނީ މި ސަރުކާރުން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.