ޑެންމާކުގެ ޒުވާން ފޯވަޑް ރަސްމުސް ހޮއިލުންޑުގެ މޮޅު ކުޅުމާއެކު އިނގިރޭސި ޕްރިމިއަ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި ލޫޓަން ޓައުން އަތުން 2-1 އިން މޮޅުވެއްޖެ އެވެ.
މި މެޗުގައި ހޮއިލުންޑް، 21، ދެ ގޯލު ޖެހިއިރު، އޭނާ މި ވަނީ ލީގުގައި ޖެހިޖެހިގެން ހަ މެޗުގައި ގޯލް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މި ރެކޯޑް ކުރިން އޮތީ، 2021 ވަނަ އަހަރު ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ޖޯ ވިލޮކް އަތުގަ އެވެ.
ލޫޓަން ދަނޑުގައި ކުޅުނު މެޗު ފަށައިގެން 37 ސިކުންތު ތެރޭ ހޮއިލުންޑް ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. އޭގެ ހަ މިނެޓް ފަހުން، އަލެޖަންދރޯ ގާނާޗޯގެ އެހީތެރިކަމާއެކު ހޮއިލުންޑް ވަނީ އޭނާގެ ދެވަނަ ގޯލް ޖަހައިފައެވެ.
މެޗުގެ ތެރެއަށް އެނބުރި އައުމަށް ކުރި މަސައްކަތުގައި ލޫޓަން އިން ވަނީ 14 ވަނަ މިނެޓްގައި ގޯލެއް ޖަހައިފަ އެވެ. މި ގޯލް ޖެހީ، އެ ޓީމުގެ ފޯވާޑް، ކާލްޓަން މޮރިސް އެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑުން އިތުރު ގޯލެއް ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެ ގޮތުން، ހޮއިލުންޑް އަދި މާކަސް ރަޝްފޯޑަށް ލިބުނު ބޯޅަތަކުގެ ބޭނުން ނުހިފުނެވެ. އަނެއްކޮޅުން، އިތުރު ވަގުތުގައި ލޫޓަން އިން ނަތީޖާ ހަމަހަމަކުރެވޭތޯ ކުރި އެޓޭކެއްގައި ރޮސް ބާކްލީ ބޮލުން ފޮނުވާލި ބޯޅައެއް ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ، 25 މެޗުން 44 ޕޮއިންޓާ އެކު، ލީގުގެ ހަ ވަނައިގަ އެވެ. ތާވަލުގެ އެންމެ ކުރީގައި އޮތީ 57 ޕޮއިންޓާއެކު ލިވަޕޫލެވެ. 55 ޕޮއިންޓާއެކު ދެވަނައިގައި އާސެނަލް އޮތްއިރު 53 ޕޮއިންޓާއެކު ތިންވަނަ މަގާމުގައި އޮތީ ޗެމްޕިއަން މެންޗެސްޓަ ސިޓީ އެވެ.

