މާތްﷲ ޚަލްގު ކުރެއްވި ކޮންމެ އެއްޗަކީވެސް ތަފާތު އެއްޗެއްކަމުން އިންސާނުންގެ ތެރޭގައިވެސް ތަފާތު މިޒާޖުތަކުގެ މީހުންއުޅޭކަމީ ހައިރާން ވާންޖެހޭނެ، އަދި ތަފާތުކޮށް އެކަހެރި ކޮށްލަން ޖެހޭ ސަބަބެއްނޫނެވެ.
ކިޔެވުމުގައި މޮޅު ކުދީންނާއި ދެރަކުދިން، މުއްސަނދި މީހުންގެ ދަރިންނާއި ފަޤީރު ނިކަމެތި މީހާގެ ދަރިން، ކަޅުކުދިންނާއި ދޮންކުދީން، ގިނައިން ވާހަކަ ދައްކާ ކުއްޖާއާއި ވާހަކަނުދައްކާ މަޑުން އިންނަ ކުއްޖާ ތަފާތު ކުރުމަކީ ސުކޫލު މާހައިލުގައި ހިނގަމުން އަންނަ ސަޤާފަތަކަށް ވެއްޖެއެވެ.
ކޮންމެ ކުއްޖަކީ ތަފާތު ހުނަރެއް ލިބިފައިވާ ތަފާތު ކުއްޖެއް:
ކިޔަވުމުން ސުކޫލަށް ވަނައެއް ނުހޯދާ ސަކަރާތް ޖަހާ އުޅުނު ކުއްޖާ ކުޅިވަރުން މޮޅު ވަނަތަކެއް ހޯދަފާނެއެވެ. ކުޅިވަރުކުޅެ ހެލިފެލިވެ ނޫޅޭ ކުއްޖާ ކުރެހުމުން މޮޅު ކުއްޖަކަށް ވެދާނެއެވެ.
ތަފާތު ކުރުމަކީ ކުދީންގެ މުސްތަޤުބަލް ބަނަވެ އަދިރިކޮށްލާ ކަމެކެވެ. ކުދީން ތަފާތުކުރުމުގެ ސަބަބުން އެކުދީންގެ ބެލެނިވެރިން އުފުލަން ޖެހޭ ތަކުލީފް ވަރަށް ބޮޑެވެ.
އެއް ސުކޫލުން އަނެއް ސުކޫލަށް ކުދީން ބަދަލުކުރުމާއި، އަތުގައި ނެތް ފެންވަރުން އެކުދީންގެ ޑިމާންޑްތައް ފުރިހަމަ ކުރުމަށް ހަރަދު ކުރުމަކީވެސް މި މުޖުތަމައުގެ ވަރަށް ގިނަ ބެލެނިވެރީން ކުރަމުން އަންނަކަމެއް ކަމަށް ވެއެވެ.
ތަފާތު ކުރުމުގެ ސަބަބުން ހިތުގައި އުފެދޭ އުދާސްތައް ބުނެނުދީ ސިކުނޑީގައި ބަހައްޓައިގެން ޑިޕްރެޝަންގެ ޝިކާރައަކަށް ވާ ކުދިންވެސް ތިބި ކަމީ ހިތާމަ ހުރި ކަމެކެވެ.
ތަފާތު ކުރުމުގެ ސަބަބުން ޅައުމުރުގައި ކިޔެވުން ދޫކޮށް ގޯސް ރައްޓެހިން ހޯދާ މުޖުތަމައު އަށް ބޭކާރު އެކި ކުށްތަކަށް އަރައިގަންނަ ކުދީންވެސް އެބަތިއްބެވެ.
މޮޅުކުދީންނާއި ދެރަކުދިންނެއް ނުތިބޭނެއެވެ. ހުރިހާކުދީންނަކީވެސް ޚަލްގު ކުރެއްވުމުގައި ހަމަ ހަމަ ކުދީންނެވެ. މޮޅު ދެރަ، ކަޅު ދޮން ކިޔާ ހުނި ނުޖަހާށެވެ. ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ގޮތުގައި މޮޅު ކުއްޖެކެވެ. ކުދިން ދަރަޖަ ކުރަންވާނީ އެކުއްޖެއްގެ ހުނަރާއި، ފަންނުގެ މައްޗަށެވެ.
ކޮންމެ އިހުމާލަކީ އަނިޔާއެކެވެ. އިހުމާލުގެ ވާހަކަ ދައްކާއިރު މި ހާލަތުގައި އެކުދީންނަށް އިހުމާލު ވަނީ ކޮންބައެއްކަން ބުނެދިނުމަށް ތިޔަ ފަރާތުގެ އަތްމައްޗަށް ދޫކޮށްލާނަމެވެ.