ގދ. ފަރެސްމާތޮޑާގައި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޜ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިހާރު އެމަނިކުފާނު ރާއްޖޭގެ ދެކުނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެރަށު ރައްޔިތުން އެދިލައްވާފައިވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށާއި، މިދައިރު ނިމުމުގެ ކުރިން އެކަން ހާސިލްކޮށްދޭނެ ކަމަށެވެ. ރައީސް ވިދާޅުވީ، ފަރެސްމާތޮޑާގައިވެސް ބިން ހިއްކައިގެންނާއި، ލޯނު ފެސިލިޓީތައްވެސް ހޯދައިދީގެންވެސް ގެދޮރުގެ ދަތިކަމަށް ހައްލެއް ގެންނާނެ ކަމަށެވެ.
“ބިން މި ބޭނުންވަނީ މައިގަނޑު ގޮތެއްގައި ގެދޮރުވެރިކަމަށް، ދެން އިގްތިސާދީ ބޭނުމަށް. ގެދޮރުވެރިކަމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު ސިޔާސަތު. އެސިޔާސަތުގެ ދަށުން މިރަށުގަވެސް އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމެއް. އަޅުގަނޑު ވައުދުވެފަވާނީ މިފަސް އަހަރުގެ ދައުރު ނިމޭ އިރުގަ އިރާދަކުރެއްވިއްޔާ ރާއްޖޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެއްވެސް ރައްޔިތަކު ނުހުންނާނެޔޭ. އެ ޓާގެޓް ހާސިލްކުރުމަށް. އެހެންވީމަ އެކަން އިރާދަކުރެއްވިއްޔާ ހާސިލްކޮށްދޭނަން،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަގު ހެދުމުގެ މަޝްރޫއަކީވެސް މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެހެން ރަށްރަށުގެ މަގުތައް ހުރީ، ފަރެސްމާތޮޑާގެ މަގުތައް ހުރި ގޮތަށް ކަމަށާއި، މިސަރުކާރުން ކަނޑައަޅާފައި އޮތީ ހުރިހާ ސިޓީއެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި، ދެން ހުރި ރަށްރަށުގެ މައި ހުރިހާ މަގެއް މި ފަސް އަހަރުގެ ދައުރުގައި ހަދައި ނިންމާ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ، އެޕްލޭންގެ ދަށުން ފަރެސްމާތޮޑާގައިވެސް އެމަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ބަޖެޓުގެ ތެރެއިން ޖާގަ ހޯދައިގެންނާއި އެހެނިހެން ފައިނޭނިންގް ފެސިލިޓީތައް ބޭނުން ކުރެވޭތޯ ބަލަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.