އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަނި ކުރިމަތިލުމުން އެ މަގާމު ލިބިއްޖެ އެވެ.
ބައި ލައްކައެއްހާ މެންބަރުން ތިބި އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޫން 21، 2023 ގައި ޕާޓީން ވަކިވުމުންނެވެ. މިއަދާ ހަމައަށް، ޕާޓީގެ ރައީސްގެ މަގާމު ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެމްޑީޕީން ކުޑައިރުކޮޅެއް ކުރިން ޖެހި އިއުލާނެއްގައި ބުނީ އެޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ހަމަވިއިރު އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލީ ޝާހިދު އެކަނި ކަމަށް ވާތީ އިންތިހާބަކާ ނުލައި އޭނާ އެމަގާމަށް ހޮވިފައިވާ ކަމަށެވެ.
މީގެ ކުރިން އެމްޑީޕީގެ ރައީސް މަގާމަށް އެކަކު ކުރިމަތިލި ނަމަވެސް ފެންނަ ނުފެންނަ ވޯޓަކާ ނުކުންނަން ޖެހެ އެވެ. ނަމަވެސް 2022، ވަނަ އަހަރު ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުން އެންމެ މީހަކު ކުރިމަތިލައިފިނަމަ ފެންނަ ނުފެންނަ ވޯޓެއް ނެތި ވަގުތުން އެ މަގާމު ލިބެ އެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައީސް ސޯލިހުގެ އެންމެ އަރިސް އެއް ވަޒީރުގެ ގޮތުން ޝާހިދު ވަނީ އެމްޑީޕީގެ އިސް ސަފުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެ ސަރުކާރުގެ އެންމެ ބޮޑު ހާރިޖީ ކާމިޔާބީގެ ގޮތުގައި ސިފަކުރާ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތު ވެސް ޝާހިދު ބެލެހެއްޓެވި އެވެ.
ޝާހިދަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ވެސް ފޮރިން މިނިސްޓަރުގެ މަގާމު ދެ އަހަރު ދުވަހު އަދާ ކުރެއްވި ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމުގެ އިތުރުން ވ. އަތޮޅުގެ މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މެންބަރު ކަމާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު ކަން އޭނާ ކުރެއްވި އެވެ. ކެޔޮދޫ ދާއިރާގެ މެންބަރަކަށް ހުންނެވި ދައުރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ޝާހިދު ފުރުއްވި އެވެ.