ރަމަޟާން މަހަކީ އެ މައްސަރެއްގައި ކީރިތި ޤުރުއާން ބާވައިލެއްވި މާތް މައްސަރެވެ. މި މާތް މައްސަރަށް ތައްޔާރު ތިޔަވެވެނީ ރަގަނޅަށް ތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލަމާ ހިނގާށެވެ.
ދިވެހީންނަކީ ޒަމާނުއްސުރެ ރޯދަމަހަށް ތައްޔަރުވުމަށް ވަރަށް ފޯރީގައި މަސައްކަތް ކުރަމުން އަންނަ ބައެކެވެ.
ހަވާދު ހަނާކުރުމުގައި އަވައްޓެރިންގެ މެދުގައި ފޯރިއާއި ޖޯޝުގައި ކުރިއަށް އެބަދެއެވެ. ރަށުތެރޭގައި ހަވާދުގެ ވަސް އެއްވަސް ކުރުވާފައިވާއިރު މުށިޖަހާ އަޑާއި ގޭގެތެރެ މަރާމާތުކުރުމަށް ފިރިހެނުން އަވަދި ނެތި އުޅެމުން އެބަދެއެވެ.
ގޭގެ ފަރުނީޗަރުތަކާއި ހިފާގެންގުޅޭ ހުރިހާއެއްޗެއްގެ އިތުރުން ގޭގެ ކުލަވެސް ބަދަލުކުރެއެވެ.
ރޯދައަށް ހުރެ ތާސްކުޅެ، މުނިފޫހި ފިލުވުމަށް ތިބުމަށް ފިނި މައިޒާންތައް ހަދައި އެކި ޒާތްޒާތުގެ ކާއެއްޗިހި ހެދުމަށް ބޭނުންވާތަކެތި ގަނެ ގުދަންކުރުމަކީ ރޯދައަށް ތައްޔާރުވުމަށް ގިނަ ދިވެހީން ކުރަމުން އަންނަ ކަންކަމެވެ.
ރަމަޟާން މަހަށް ތައްޔާރުވުމަށް އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަންވީ ކަންކަން:
މި މާތް މައްސަރަށް ތައްޔާރުވުމުގެ ގޮތުން އަމިއްލަ ނަފްސު ސާފުކޮށް ތެދުވެރި ތައުބާއަކުން ތައުބާ ވާށެވެ.
ފާއިތުވި ރަމަޟާން މަހުގައި ޤަޟާކުރުމަށް ހުރި ރޯދައާއި އެކި ސަބަބުތަކާއިހެދި ދޫކުރެވިފައިހުރި ރޯދަތަށް އަވަހަށް ހިފައި ނިންމާ، ޝައުބާން މަހުގައި ސުންނަތް ރޯދަހިފުން ގިނަކުރަންވީއެވެ.
ކީރިތި ޤުރުއާން ކިޔެވުން އިތުރުކުރަންވީއެވެ.
ހުޝޫއަތްތެރިކަމާއި ބިރުވެތިކަމާއި އެކު ނަމާދުކުރުމަށް ނަފްސް ތައްޔާރުކޮށް މި މާތް މައްސަރާއި ގުޅުންހުރި މަޢުލޫމާތާއި، ހުކުމްތަކާއި ބެހޭގޮތުން ބަލައި އޮޅުންފިލުވަންވީއެވެ.
މިއީ ދީނީގޮތުން ނަފްސް ތައްޔާރުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ. ރޯދަމަހަށް ތައްޔާރުވުމަށް ގޭތެރެ ސާފުކޮށް، ޒީނަތްތެރި ކުރުމަކީވެސް އޮތް ކަމެކެވެ. މުހިއްމު ކަމެއްކަމަށް ބަލައި އިސްކަންދޭންވީ ދީނީގޮތުން ނަފްސް ތައްޔާރުކުރުމަށެވެ.
ރަމަޟާން މަހާއި ބައްދަލުވުމުގެ ތަވްފީޤު އަޅަމެންނަށް މިންވަރު ކުރައްވާށި! އާމީން!

