އިނގިރޭސި ލީގުގައި ފަހަތުން އަރައި ލޫޓަން ޓައުން ބަލިކޮށް ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލުން ލޫޓަން ބަލިކުރީ 4-1 އިންނެވެ. މި މޮޅާއެކު ލިވަޕޫލުން 60 ޕޮއިންޓް ހަމަކޮށްފައިވާއިރު ދެވަނައިގައި އޮތް މެންޗެސްޓަ ސިޓީ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. ސިޓީގެ ފަހަތުން ތިންވަނައިގައި އޮތީ 55 ޕޮއިންޓާއެކު އާސެނަލް އެވެ. ލިވަޕޫލުން އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް އެއީ ސިޓީ އަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ. ރޭގެ މެޗުން ބަލިވި ލޫޓަން ލީގުގައި ކުޅުނު 25 މެޗުން ލިބުނު 20 ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލްގެ 18 ވަނައިގައެވެ.
އެންފީލްޑުގައި ރޭ ކުޅުނު ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓުކުރި ނަމަވެސް މި މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރިހޯދީ ލޫޓަން އިންނެވެ. މި ގޯލް ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަޔަލެންޑް ފޯވާޑް ޗިއެޑޯޒީ އޮގްބީން އެވެ.
ލިވަޕޫލުން މެޗުގައި ޖެހި ހަތަރު ގޯލް ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. މެޗުގެ 56 ވަނަ މިނެޓުގައި އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރު އެލެކްސް މެކަލިސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިން ގޯލް ޖެހީ ޑިފެންޑަރު ވާޖިލް ވެން ޑައިކެވެ. އޭގެ ދެ މިނެޓު ފަހުން ކޯޑީ ގަކްޕޯ ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިންއިރު މިއީ ވެސް މެކަލިސްޓާގެ އެހީތެރިކަމާއެކު ޖެހި ގޯލެކެވެ. ލިވަޕޫލްގެ ތިންވަނަ ގޯލް 71 ވަނަ މިނެޓުގައި އެންޑީ ރޮބަޓްސަން ދިން ބޯޅައަކުން ޖެހީ ލުއިޒް ޑިއާޒެވެ. ހަތަރު ވަނަ ގޯލް އިތުރު ވަގުތުގައި ޖެހީ ޒުވާން ތަރި ހާވީ އެލިއަޓެވެ.

