އެއްފަތިގަނޑަކަށް ދަމާލެވިފައިވާ ދިގު މުއްދަތެއްގައި 30 އަހަރުގެ ވެރިކަމުގެ އުޞޫލު ތަކާއި ހަމަލަމަ ތަކާ މެދު ދިވެހިންގެ ގިނަބަޔަކު މަގު މަގު މައްޗަށް ނުކުމެ އިޚުތިޖާޖު ކުރަން ފެށި އިރު ގދ ތިނަދޫ އަށް އުފަން އަހުމަދު ގައިސް އަކީ ނޫކަށިފުރާގެ ޒުވާން އެކެވެ. އުމުރުން އެންމެ 20 އަހަރުއެވެ.
އޯލެވެލް ގެ ކިޔެވުން ނިމި ދުނިޔެއަށް ރަނގަޅަށް ލޯ ހުޅުވުނު އިރެވެ. 2000 ވަނަ އަހަރު މާލޭގެ މަގުތަކަށް ނުކުންނަ ހަށިފޮޅާލި މީހުންގެ އިސް ސަފުގައި ނެތަސް އޭނާ ވެސް ހުރީ ރާއްޖޭގައި ފުރަތަމަ ވުޖޫދުވި ޑޮމޮކްރެޓިކް ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ،އެމްޑީޕީގެ ފިކުރުގެ ތެރޭގައިއެވެ. އެއީ ސިޔާސީ ގޮތުން ޤައުމަށް އަންނަން މުހިންމު ބަދަލު ގެންނަން އޭނާގެ ސިކުނޑީގައި ޓަކި ޖެހި ހިސާބެވެ. އެމްޑީޕީގެ ބާނީ އަދި އޭނާގެ ބޮޑުބޭބެ މަރްޙޫމް ލަތީފް (ގޯގޯ ލަތީފް) ޤައުމުގެ އިސްލާހަށް ކުރައްވަމުން ގެންދެވި މަސައްކަތް ތަކުގެ އަސަރު ކޮށް އޭގެ ވިންދު ހިތުގައި ޖަހަން ފެށި ހިސާބެވެ.

ތިނަދޫ އުތުރުދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ގައިސް އެމްޑީޕީގެ ސިޔާސީ ހަރަކާތެއްގައި/ފޮޓޯ: އެމްޑީޕީ އޮފީސް
2003 ވަނަ އަހަރު އައްޑޫ ހުސައިން ސަލާހް އަދި އީވާން ނަސީވް ފުލުހުންގެ އިހުމާލުން މަރުވި އޭގެ ހަލަބޮލި ކަމުގައި ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަޙު އެފުށް މިފުށަށް ޖެހެމުން ދިޔަ އިރު ގައިސް ހުރީ ހެޔޮ ވަރަކަށް އެކަމުގެ ތެރެއަށް ވަދެވިފައެވެ. 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ރައީސް މުހައްމަދު ނަޝީދު އިންތިހާބުވިއިރު ގައިސް ހުރީ އެޕާޓީގެ މައި ދޮރާށިން އެތެރެވެ އެމްޑީޕީގެ ސިޔާސީ އޮޑީގައި ރަނގަޅަށް ފައި އަޅާލައިގެންނެވެ.
ޖެހިގެން އައި ލޯކަލް ކައުންސިލް އިންތިހާބުގައި ފުރިހަމަ އަޤުލަބިއްޔަތަކުން އެމްޑީޕީގެ ޕްރައިމަރީ ޓިކެޓު ހޯދައި ގިނަ ބައެއްގެ ވޯޓުން ގދ އަތޮޅު ކައުންސިލްގެ މެމްބަރުކަން ހޯދި އަހުމަދު ގައިސް ، ދައުރު ހަމަކޮށް އަތޮޅު ކައުންސިލް ދައުރު ނިންމި އިރު އޭނާ ފާހަގަ ވެފައިވަނީ ސިޔާސީ ޙަޔާތުގައި ވަރަށް ސާބިތު ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އޭނާ މިހާރުވެސް ހުރި ޕާޓީ, އެމްޑީޕީ އިން ކުރިމަތި ލާން ޖެހުނު ހުރިހާ މަރުޙަލާ އެއްގައި ދެގޮތެއް ނުވެ ހުރުމެވެ.

ގައިސްގެ ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށައެޅުމުގެ ތެރެއިން/ފޮޓޯ: ގައިސް ކެމްޕެއިން އޮފީސް
ސަރުކާރު ގައި ތިބި އިރު ޕާޓީ ގެ ސިޔާސަތު ދަމަހައްޓާ ޤައުމަށް ޚިދުމަތް ކުރުމުގައެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި ނަމަ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރި މަސައްކަތް ތަކަށް ފުރިހަމަޔަށް އެއްބާރުލުންދީ އެހެނިހެން އިންތިޙާބުތައް ޕާޓީ އަށް ކާމިޔާބު ކޮށްދިނުމުގައެވެ.
އަދި ޕާޓީ އަށް ދިމާވި އެކި އެކި ނާކާމިޔާބީ ތަކުގައި ގައިސް ފާހަގަ ކޮށްލެވެނީ ހިތްތިރި ކަމާއެކު ދެ ގޮތެއް ނުވެ އެއް އަޒުމެއްގައި ހުރި މީހެއްގެ ގޮތުގައި ހުރި ކަމެވެ. މި ޙަޤީޤަތް އެމްޑީޕީގެ މަތީ ފަޑިން ފެށިގެން ރާއްޖޭގެ އެކި ހިސާބުގައި ތިބި ޕާޓީގެ ގްރާސް ރޫޓު މެންބަރުން ވެސް ޤަބޫލު ކުރާއިރު މިކަން އެންމެ ބޮޑަށް ޤަބޫލު ކުރާނެ ބަޔަކީ ގދ ތިނަދޫ ރައްޔިތުންނެވެ. ޚާއްޞަ ކޮށް އޭނާ އެ އަވަށަކަށް ނިސްބަތްވާ ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނެވެ.

އާބަންކޯގެ ޑީއެމްޑީގެ ހައިސިއްޔަތުން ގައި އެއްބަސްވުމެއްގައި ސޮއި ކުރައްވަނީ/ފޮޓޯ: އާބަންކޯ
ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަސްޓާސް ޙާސިލް ކޮށްފައިވާ އަހުމަދު ގައިސް މިއަދު ނުކުމެ އެހެރީ 20 ވަނަ ރައްޔިތުންގެ މަޖްލިސްގެ ގދ ތިނަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީ ކެންޑިޑޭޓުގެ ގޮތުގައެވެ. ދާއިރާގެ އެންމެން އިޙްތިފާޤްވެ މެމްބަރުންގެ ރުހުމާއި އެކު ޕާޓީގެ ޓިކެޓް ހޯދައިގެންނެވެ.
ގައިސް ގެ ކެންޑިޑޭޓު ނަންބަރަކީ 3 އެވެ. ތިނަދޫ އުތުރު ދާއިރާ ގެ ރައްޔިތުން, ގައިސް އާއި މެދު ދެކެނީ ކިހިނެއް? ތިނަދޫ ގައި މިހާތަނަށް ބޭއްވި އިންތިޚާބު ތަކަށް ބަލާ އިރު އެންމެ ފާހަގަކޮށްލެވޭ އިންތިޚާބަކީ 2011 ވަނަ އަހަރުގެ ފެބްރުއަރީ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބެވެ.
ފެހި ޤާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ އިންތިޚާބެވެ. ސިޔާސީ ގޮތުން ބަލާ އިރު އެ އިންތިޚާބު ވެގެން ދިޔައީ ވަރަށް ކާމިޔާބު އިންތިޚާބަކަށެވެ. އަތޮޅު ކައުންސިލް އަދި ތިނަދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ނެގި އެ ދައުރުގައި ގިނަ މެމްބަރުން ރަށަށް އަދި އަތޮޅަށް ވަރަށް ގިނަގުނަ ހިދުމަތްތަކެއް ޓީމެއްގެގޮތުގައި ކުރިތަންފެނުނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ގައިސް/ފޮޓޯ: ގައިސް ކެމްޕެއިން އޮފީސް
އޭގެ ތެރެއިން އަހުމަދު ގައިސް ފާހަގަވީ ހުރިހާ ޢުމުރަކާވެސް ގުޅޭ ޒުވާން އަދި މި ޒަމާނާ ގުޅޭ މެމްބަރެއްގެ ގޮތުގައެވެ. މީ ތިނަދޫ ގެ ގިނަ ރައްޔިތުން މިއަދު ވެސް ގައިސް އާއި މެދު ދެކޭ ގޮތެވެ. މީގެ އިތުރުން ނިމިގެން ދިޔަ ރިޔާސީ ދައުރުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބް ރައީސް ކަމާއި އެޗްޑީސީ ޑީއެމްޑީ މަޤާމުގައި ހުރެ 2 މުއައްސަސާ އަށް ވެސް ހިންގުންތެރި އާ އުސްމިން ތަކެއް ހާސިލު ކުރި އަހުމަދު ގައިސް ގެ މިހާރުގެ ވިސްނުމަކީ ދުނިޔެ ދެކެމުންދާ ތަރައްޤީ އާއި ތަހުޒީބާއި ތަމައްދުނު ގެ ސަފަށް ރައްޔިތުން ގެނައުމެވެ.

ގައިސްގެ ކެމްޕެއިން ޕޯސްޓަރ/ ފޮޓޯ: ގައިސް ކެމްޕެއިން އޮފީސް
ހުރިހާ ފުރުޞަތެއް ހޯދައިދީ ދާއިރާއާއި ތިނަދޫގެ ” އާޖީލު އަދާހަމަ ” ކުރުމަށް ބުނާ މާނާގައި ޒުވާނުންގެ ވިސްނުން ތަހުޒީބުކޮށްދީ ޖީލު އަޕްޑޭޓް ކުރުމެވެ.
މަޖިލިސް ގެ މެމްބަރު ކަމަށް ރައްޔިތުން ފުރުސަތު ދީފި ނަމަ ވިސްނުން ހުރީ ވެސް މުޅި ދާއިރާ ގެ ކުރިއެރުމަށް އަބަދުމެ ސަރުކާރަށް ހަދާންކޮށްދީ ކެނޑިނޭޅި ސަރުކާރު ޒިންމާދާރު ކުރުމާއި ހުރިހާ ގޮތަކުން ރައްޔިތުންނަށް އެހީ ވުމެވެ.

