އެއާޕޯޓްތައް އަޅަން ވައުދުވެވަޑައިގަތީ ބަޔަކު ހިތްހަމަޖައްސާކަށް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ކަމަކަށް ވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓެއް އެޅުމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ހއ. އަތޮޅު ވެރިކަންކުރާ ރަށް، ދިއްދޫގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެއާޕޯޓު ގިނަ ކުރުމުގެ ސިޔާސަތަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސް ވަނީ ވަރަށް ގިނަ ރަށްރަށުގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާޕޯޓްތައް ތަރައްގީ ކުރަން ވައުދުވެޑައިގެންފަ އެވެ. އިންތިހާބަށް ފަހު ރަށްތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމަނިކުފާނު ގެންދަވަނީ އެކަން ހަގީގަތަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ.
“ރާއްޖޭގެ ޖިއޮގްރެފިކަލް ޑިސްޓްރިބިއުޝަން އޮތް ގޮތުން، ކޮންމެހެން ކުރީގައި އޮތް ގޮތަކަށް ނޫން ރާއްޖެ އޮންނަ ބޭނުން ވަނީ ރައްޔިތުން މިހާރު، ކޮންމެހެން ބޭނުންވާ ކަމެއް އެއާޕޯޓް އެޅުމަކީ، ބައެއް ތަންތަނުގައި ޑޮމެސްޓިކް، ބައެއް ތަންތަނުގައި އިންޓަނޭޝަނަލް، އެއާޕޯޓް އަޅަން ޖެހޭ، ވައުދު ވަނީ އެ ކަން ކުރަން ޖެހޭ ކަމަށް ގަބޫލު ކޮށްގެން،” އެމަނިކުފާނު ވިދާޅުވި އެވެ.
ވައުދާ އެއްގޮތަށް ބައެއް ރަށްތަކުގައި، އެއާޕޯޓު އެޅުމުގެ މަސައްކަތްތައް ސަރުކާރުގެ ތެރެއިން ފަށައި، ބައެއް އެމްއޯޔޫތަކުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ގދ. ތިނަދު އާއި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެ އެވެ.
ހއ. ދިއްދޫގައި ވެސް އެ ރަށު ފަޅުން ބިން ހިއްކައި، އިތުރު ކުރާ ބިމުގެ ޖާގައިން އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން ރައީސް މުއިއްޒު ދެއްވި އެވެ. ދިއްދޫ އެއާޕޯޓަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.

