އިތުރު ވަގުތުގެ ދެ ވަަނަ ހާފުގައި ވާޖިލް ވެން ޑައިކް ބޮލުން ޖެހި ގޯލުން 1-0 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން 10 ވަނަ ފަހަރަށް އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ރެކޯޑު ދިހަ ފަހަރަށް މުބާރާތް ކާމިޔާބުކުރި ލިވަޕޫލުން ރޭގެ މެޗަށް ނުކުތްއިރު އެ ޓީމަށް އަނިޔާގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. ގަވާއިދުން ފުރަތަމަ އެގާރައިގައި ކުޅެމުން އައި، 11 ވަރަކަށް ކުޅުންތެރިން ތިބީ އަނިޔާގަ އެވެ. މި މެޗަށް ފިޓްވާނެ ކަމަށް ބެލެވުނު، މުހައްމަދު ސަލާހު އާއި ޑާވިން ނޫނޭޒް ވެސް ފަހުގެ ފިޓްނަސް ޓެސްޓުން ފާހެއްނުވެ، ސްކޮޑަށް ވެސް ލައްވާނުލި އެވެ.
މެޗު ފަށައިިގެން ރަނގަޅަށް ކުޅުނީ ލިވަޕޫލުންނެވެ. އެ ގޮތުން، ލުއިޒް ޑިއާޒް ރަނގަޅު ޝޮޓްތަކެއް ފޮނުވާލިއިރު، ކޯޑީ ގަކްޕޯ ބޮލުން ޖެހި ބޯޅަ ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ. ފުރަތަމަ ހާފުގައި ގޯލް ޖަހަން ޗެލްސީ އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ރަހީމް ސްޓާލިންއަށް ލިބުނު ފުރުސަތު ބޭކާރުވިއިރު ކޯލް ޕާމާ އޭރިއާ ތެރެއިން ޖެހި ބާރު ހަމަލާ މަތަކުރީ ލިވަޕޫލުގެ ގޯލްކީޕަރު ކައޮއިމިން ކެލެހާއެވެ. ޗެލްސީގެ ސްޓާލިން ގޯލެއް ޖެހި ނަމަވެސް ވީއޭއާރު ބަލާފައި ރެފްރީ ނިންމީ އޮފްސައިޑު ގޯލެއް ގޮތުގައެވެ. ވީއޭއާރުން ވަނީ ލިވަޕޫލްގެ ގޯލެއް ވެސް ކެންސަލްކޮށްފަ އެވެ. ހިލޭޖެހުމަކުން ހުރަސްވި ބޯޅައެއްގައި ވެން ޑައިކް ބޯޅަ ގޯލު ތެރެއަށް ވަައްދާލި ނަމަވެސް، އެ ހުރަސް އައި ވަގުތު، ލިވަޕޫލްގެ ވަޓަރޫ އެންޑޯ ބޯޅަ އަށް އަރަން ދިޔަ، ޗެލްސީގެ ލީވައި ކޯލްވިލް އަށް ފައުލުކުރި ކަމަށް ބަލައި، މި ގޯލު ބަލައިނުގަންނަން ނިންމި އެވެ.
އިތުރު ވަގުތަށް ކުޅެން ނުކުމެ ލިވަޕޫލުން ކުޅުން ރަނގަޅުކުރި އިރު، އެޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. އިތުރު ވަގުތުގެ ފަހު ހާފުގައި ލިވަޕޫލުން ލީޑު ނެގީ، 117 ވަނަ މިނެޓުގައެވެ. ކޯނަރަކަށް އަރައި ވެން ޑައިކް ބޮލުން ޖެހި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ.
ޗެލްސީން އެންމެފަހުން ވެމްބްލީގައި ކުޅުނު ހަ ފައިނަލުންވެސް އެޓީމު ވަނީ ބަލިވެފައެވެ. އޭގެ ތެރޭގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު ތިން ފައިނަލް ހިމެނެއެވެ.

