ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި، ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަރައްޤީ ކުރާނެ ކަމަށް ބުނެ ނިމިދިޔަ ސަރުކާރުން ދެއްކި ވާހަކަތަކާއި ރަށް ރަށުން ފެންނަ މަންޒަރު ދިމާނުވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަަދު މުއިއްޒު އުތުރުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ.ނޮޅިވަރަންފަރު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން ރާއްޖެ ތަރައްގީ ކުރުމުގެ ބަދަލުގައި އިތުރުކުރީ ދައުލަތުގެ ދަރަނި ކަމަށެވެ.
އަޙްމަދު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން އެންމެ ބާރަށް ދެއްކީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ތަރައްޤީ ގެނެސްދޭނެ ވާހަކަ ނަމަވެސް، މިއަދު ރަށްރަށުން ފެންނަނީ ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއް ފުރިހަމަނުކޮށް ހުރުމުގެ ސަބަބުން ރައްޔިތުން އެކި ތަކުލީފުތަކުގައި އުޅޭ މަންޒަރު ކަމަށެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި 168 ބިލިއަނެޢްހާ ރުފިޔާ ބަޖެޓުގެ ގޮތުގައި ލިބިފައިވާނެ ކަމަށޭވެ. ނަމަވެސް ރައްޔިތުންނަށް ފައިދާ ހުރިކަމެއް ކުރަން އެ ފައިސާ ހަރަދުކުރިކަން ފެންނަން ނެތް ކަމަށާއި، ރައްޔިތުންނަށް ސާފުކޮށް އެކަން މިއަދު ހަމަވާ ކަމަށެވެ.
ބަޖެޓުން ތަރައްގީއަށް ހަރަދުކޮށްފައި ނުވާއިރު، އިތުރަށް އެތައް ބިލިއަން ރުފިޔާއެއް ޗާޕުކޮށްގެންވެސް ކުރިކަމެއް ނެތްކަން ޝިޔާމް ފާހަގަކުރެއްވިއެެވެ. މީގެ އިތުރުން މަސްވެރިންނަށް ނުދީ އެތައް މިލިއަން ރުފިޔާއެއް ހުރިކަމަށާއި، އަދި ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދީ، ދައުލަތް 120 ބިލިއަން ރުފިޔާއިން ދަރުވާލާފަޢި ވާކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
“5 އަހަރުގެ ސަރުކާރަކަށް 168 ބިލިއަނަށްވުރެ ކުޑަ ނޫން ބަޖެޓެއް ލިބޭނެ. މިފަދަ ރަށް ރަށަށް އައުމުން ރައްޔިތުންގެ ޝަކުވާއައި ކަންބޮޑުވުމުން އެނގިގެންދަނީ އެއްވެސްކަމެއް ކޮށްދީފައި ނުވާކަން. ބަޖެޓުން ނުވެގެން ފައިސާ ޗާޕުކޮށްގެން ވެސް ކުރީ ކޮންކަމެއްތޯ؟” ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަޢްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވުމަށް ކުރާ މަސައްކަތަށް މިއަދު އިދިކޮޅުގައި ތިއްބެވި ނިމިދިޔަ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ހުރަސް އަޅުއްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓްގައި ރައްޔިތުންގެ ތަރައްގީއާ ގުޅޭ މަޝްރޫއުތައް ހިމަނުއްވަން އިދިކޮޅު މެމްބަރުން ހުރަސް އެޅުއްވިކަންވެސް ޝިޔާމް ފާހަގަކުރެއްވިއެެވެ.
ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ލާބައަށްޓަކައި މަސައްކަތްކުރާ މަޖިލީހަކަށް ހަދަންޖެހޭ ކަމަށެވެ. އަދި މަޖިލީހަކީ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރާ ތަނަކަށް ހެދޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަރުދަނާ ބަޔަކު މަޖިލިހަށް އިންތިހާބު ކުރެވިގެންކަމަށެވެ.