މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި ކްރޮއޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަ މޮޑްރިޗް ޖެހި ގޯލާއެކު، ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އަތުން 1-0 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި މޮޑްރިޗް ،37، ރެއާލް މޮޅުވި ގޯލު ޖެހީ މެޗުގެ 81 ވަނަ މިނެޓުގަ އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ޖެހި ބޯޅަ މޮޑްރިޗް އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން މޮޅުވެ، ރެއާލް ވަނީ ތާވަލުގެ އެއް ވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ. ދެ ވަނައިގައި އޮޓީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ. ރެއާލުން 65 ޕޮއިންޓް ހަމަކޮށްފައިވާއިރު ބާސާ އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ރޭ ރެއާލް އަތުން ބަލިވި ސެވިއްޔާ އޮތީ 24 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.
ރޭ ހޯދި މޮޅާއެކީ ރެއާލް ވަނީ މި ސީޒަނުގައި ބަލިނުވެ 20 މެޗު ހަމަކޮށްފަ އެވެ.
ރެއާލްގައި 16 އަހަރު ހޭދަކުރުމަށް ފަހު 2021 ވަނަ އަހަރު އެ ޓީމު ދޫކޮށްލި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޮސް ވަނީ އެ ޓީމުގެ ދޫކޮށްލި ފަހުން ފުރަތަމަ ފަހަރަށް ރެއާލްގެ ދަނޑުގައި ރޭ ކުޅެފަ އެވެ.

