މިދިޔަ މަހު ބޭނުން ކުރަން ފެށި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިތުރަށް ދިގު ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ރާއްޖޭގެ އުތުރަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެ ރަށު އެއާޕޯޓް ތަރައްގީކުރަން ކުރީގެ ސަރުކާރުން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި އޮތް ނަމަވެސް، އެއީ އަސްލު އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ހިންގާ މަޝްރޫއެއް ކަމަށެވެ. އަދި އެ ރަށު އެއާޕޯޓް ތަރައްގީކުރަނީ އެ އަގާ އަޅާބަލާއިރު، މަޝްރޫއު ހިންގަން ޖެހޭ ސްކޭލަށް ވުރެ މާ ކުޑަކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓުން ފައިދާއެއް ހޯދަން 8،000 އެނދު ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ 2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އުތުރުގައި ކުރިއަށް ގެންގޮސްގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، 2.4 ކިލޯމީޓަރުގެ ރަންވޭއަކުން، 8،000 ޓޫރިސްޓް އެނދާއި އެހެނިހެން ސިނާއީ މަސައްކަތްތަކާއި ވިޔަފާރިތައް އެ ސަރަހައްދަށް ގެންނަން ދަތިވާނެ ކަމަށެވެ. އެއަށް ވުރެ ދިގު ރަންވޭއެއް ހަދައި، ހަނިމާދޫ އެއާޕޯޓުގެ ކެޕޭސިޓީ ވެސް އަދި އިތުރަށް ބޮޑުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
“އަޅުގަނޑު ބޭނުންވަނީ މިކަމުގައި މި ލޯނު ހަމަޖެއްސި ފަރާތާ ވާހަކަ ދައްކައިގެން މިކަމަށް އެދެވޭ ހައްލެއް ގެނެވޭތޯ މަސައްކަތް ކުރަން. މާނަ އަކީ ރަންވޭ ދިގުކޮށް އަދި އިތުރު 700 މީޓަރު އިތުރު ކުރެވޭތޯ މަސައްކަތް ކުރުން،” ރައީސް ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓުގައި ހަދަމުން އަންނަ އާ ރަންވޭގެ އެއް ބައި ނިންމައި ބޭނުންކުރަން ފެށީ މިދިޔަ މަހު އެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން މިހާރު ހަދަމުން އަންނަނީ 2،460 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭ އިން މިހާރު ނިމިފައިވަނީ 1،200 މީޓަރެވެ.
ހަނިމާދޫ އެއާޕޯޓް ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ލޯނު ހަމަޖައްސައިދީފަ އެވެ. އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތަށް ހަދަމުން އަންނަ އެ އެއާޕޯޓުގެ ރަންވޭގެ އެއްކޮށް ނިމުމުން، އޭ 320 އަދި ބޮއިން 737 ބޯޓުތައް ވެސް ޖެއްސޭނެ އެވެ.