ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ އެތައް މިލިއަން މީހުންނަށް ފެން ލިބުން ދަތިކޮށްފައި އޮތުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އިޒްރޭލު ހިލާފުވެފައި ކަމުގެ ސާފު ހެއްކެއް ކަމަށް ރާއްޖޭން ބައިނަލްއަގުވާމީ ކޯޓުގައި ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނު އަޅުވެތިކޮށްފައި އޮތުމުގެ ގާނޫނީ ނަތީޖާއާ މެދު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލަައަށް ތާއީދުކޮށްފައިވާ 52 ގައުމުގެ ތެރޭގައި ހިމެނި ރާއްޖެއިން ވަނީ މިރޭ ބޭއްވި އަޑުއެހުމުގައި ބަޔާނެއް ދީފަ އެވެ.
މިރޭ ރާއްޖެ ގަޑިން 8:00 ޖަހާކަށް ހާއިރު ކުރިއަށް ދިޔަ އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވީ، ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއިޝަތު ޝާން ޝާކިރެވެ.
ސަފީރު އާއިޝަތު ޝާން ޝާކިރުގެ ބަޔާނުގައި އަލިއަޅުއްވައިލެއްވީ، އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ފަލަސްތީނުގައި ގާއިމު ކުރުމަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކޮށް ޒަމާނުއްސުރެން ރާއްޖޭން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ މައްޗަށެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ރިއާއަތްކޮށް، މިދަނޑިވަޅަކީ އަހަރުތަކެއް ވަންދެން ދެމިގެން ގޮސްފައިވާ މި މައްސަލައަށް އައިސީޖޭ މެދުވެރިކޮށް އިންސާފު ހޯދުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމުގައި ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، 1967 ގެ ކުރިން ކަނޑައެޅިފައި އޮތް ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، އެއީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ކަމަށް ހެދުމަކީ މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލު ކަމަށް ރާއްޖެއިން ޒަމާނުއްސުރެ ކުރާ ވަކާލާތު ސަފީރު މިރޭ ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.
މި މައްސަލާގައި ރާއްޖެ ތަމްސީލުކުރައްވާ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އޭމީ ސޭންޑާ ގެ ބަޔާނުގައި ވަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ އެކިއެކި ލާއިންސާނީ އަމަލުތަކުގެ ތެރެއިން ފެނުގެ ވަސީލަތްތަކާ ގުޅޭގޮތުން އަމަލުކުރަމުންދާ ގޮތް ފާހަގަކުރައްވައިފަ އެވެ.
އޭގެ ތެރޭގައި، އޭނާ ވިދާޅުވި ގޮތުގައި އަސްކަރީ ހަރަކާތްތަކާ އެއްވެސް ގުޅުމެއް ނެތް ގޮތަށް ފެނާއި ނަރުދަމާގެ ވަސީލަތްތަކަށް ސީދާ އަމާޒުކޮށްގެން ހަމަލާތައްދީ ސުންނާފަތި ކުރަމުންދިޔުމަކީ ކަނޑައެޅިގެން އިންސާނީ ހައްގުތައް ހިމަޔާތްކޮށްދީފައިވާ ބައިނަލްއަގުވާމީ އެކި ގާނޫނުތަކާ ހިލާފަށް އިޒްރޭލުން އަމަލުކުރުމެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބުނެ ސައުތު އެފްރިކާ އިން އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލަ އަށް ވެސް ރާއްޖެއިން ވަނީ ތަދައްހުލުވެފަ އެވެ.