އަންނަ މަހުގެ 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މަޖިލިސް އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވި މައްސަލައާ މެދު ގޮތެއް ނިންމުން މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ރޯދަމަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ހިނގާ ފެބްރުއަރީ 11، ގަ އެވެ. އެ ބިލު ތަސްދީގު ކުރުމަށް މަޖިލީހުގެ އިދާރާއިން ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ. ރައީސް އެ ބިލު އަނބުރާ ފޮނުވާލީ ފެބްރުއަރީ 26, ގަ އެވެ.
މި ހަފުތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުބާއްވައި އޮތުމަށް ފަހު، މިއަދު 1:00 އަށް ތާވަލްކުރި ޖަލްސާގެ އެޖެންޑާގައި މަޖިލިސް ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެ މައްސަލަ އޮތީ ހިމަނައިފަ އެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމާފައި ވަނީ އެ މައްސަލަ ރައީސް އަނބުރާ ފޮނުވާލެއްވިޔަސް އަލުން އޮތް ގޮތަށް ފާސްކުރުމަށެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސް ތަސްދީގު ނުކުރަން ނިންމަވާ ބިލެއް އެއްވެސް ބަދަލެއް ނެތި މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށްފި ނަމަ 15 ދުވަސް ތެރޭގައި އެ ބިލެއް ތަސްދީގު ކުރަން ރައީސަށް ލާޒިމް ވާނެ އެވެ.